ވިދާ ގުގުރުމުގެ މައުލޫމާތު ދެނެގަންނަ ނިޒާމެއް ގާއިމްކޮށްފި
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާ ގުގުރުމުގެ މައުލޫމާތު ދެނެގަންނަ ނިޒާމެއް ގާއިމްކޮށްފިއެވެ.
މިކަމާ ގުޅިގެން އެ އިދާރާއިން ބުނީ ވިދާގުގުރުމުގެ މައުލޫމާތު ވަގުތުން ދެނެގަނެވޭ ނިޒާމެއް ރާއްޖޭގައި ގާއިމްކުރި މިއީ ފުރަތަމަ ފަހަރު ކަމަށާއި މި ނިޒާމް ގާއިމް ކޮށްފައިވަނީ ޗައިނީސް އެކަޑެމީ އޮފް ސައިންގެ ދަށުން ހިނގަމުންދާ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އިންޖިނިއަރިން އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ގުޅިގެން ކަމަށެވެ.
އޭގެ އިތުރުން އެ މިނިސްޓްރީ އިން ބުނީ މިކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި، ގަން އިންޓަނޭޝަނަލް އެއަޕޯޓްގައި ލޯންގްރޭންޖް ލައިޓްނިންގް ޑިޓެކްޝަން އިކްވިޕްމެންޓް ބަހައްޓާފައިކަމަށެވެ. އަދި މިނިޒާމު، ސަރަޙައްދީ ވިއުގައާއި ގުޅާލުމުން ރާއްޖެއާއި ރާއްޖޭގެ ވަށައިގެންވާ ސަރަޙައްދަށް އަންނަ ވިދާ ގުގުރުމުގެ ހާދިސާތައް ވަގުތުން ވަގުތައް ދެނެގަނެވޭނެކަމަށާއި މި ވިއުގަ އިތުރަށް ތަރައްޤީކުރުމަށް ޝޯޓްރޭންޖް ލައިޓްނިންގް ޑިޓެކްޝަން އިކްވިޕްމެންޓް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެކަމަށް ވިދާޅުވިއެވެ.
ވިދާ ގުގުރާ ހޮނު އެޅުމުގެ ސަބަބުން އެންމެ ގިނައިން ހަލާކުވަނީ އިލެކްޓްރިކް، އިލެކްޓްރޯނިކްސް އަދި މުވާސަލާތީ އާލާތްތައްކަމަށާއި ބައެއްފަހަރު އެހެނިހެން ތަކެއްޗަށާއި މުދަލާއި މީހުންގެ ފުރާނަ ގެއްލޭ ހާދިސާތައްވެސް ހިނގާކަމަށާއި، އޭގެއިތުރުން، ވައިގެ ދަތުރުފަތުރާއި ކަނޑު ދަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އޭގެ އަސަރު ކުރާކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
މޫސުމާ ބެހޭ އިދާރާއިން މި ނިޒާމް އެއްކޮށް ގާއިމް ކޮށް ނިމުމުން ވިދާގުގުރުމުގެ އެކިމަރުހަލާތައް ތަފާތުކޮށް ވަގުތުން ބަލައިލެވޭނެ ކަމަށާއި ވިދުވަރާއި ގުޅިފައިވާ ކޮޅިގަނޑު ދަތުރުކުރާ މިސްރާބު ދެނެގަނެވި ކުރިއަށް ލަފާކުރުމާއި ދުރާލާ ދެވޭ އިންޒާރުގެ ސައްހަކަން އިތުރުވެގެންދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީ އިން ބުނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އިންޓަނޭޝަނަލް ސިވިލްއޭވިއޭޝަނާއި ރާއްޖޭގެ ސިވިލް އޭވިޝަން ރެގިއުލޭޝަން ނަމްބަރު 3 އާއި އެއްގޮތްވާގޮތުގެ މަތިން ނެރެންޖެހޭ މޫސުމީ ސަމާލު (SIGMET) އަދި ފޯކާސްޓް (TREND) ތަކުގެ އެކިޔުރެސީ ވަރަށްބޮޑަށް މަތިވެގެން ދާނެކަމަށެވެ.