މިއަދަކީ ފުލުހުންގެ މެމޯރިއަލް ދުވަސް
ފުލުހުންގެ މެމޯރިއަލް ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެ އާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގައި ފުލުހުންގެ ދިދަ ބައި ދަނޑިއަށް ތިރިކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި އަހަރުގެ މެމޯރިއަލް ދުވަސް ފާހަގަކުރުމުގެ ގޮތުން، ފުލުހުންގެ ޝަރަފުވެރި ޚިދުމަތުގައި ދެމިތިއްބައި ޝަހީދުވެފައިވާ ފުލުހުންނާއި ޚިދުމަތުގައި ދެމިތިބެ ރައްޔިތުންނަށް ޚިދުމަތް ކުރަމުން ދަނިކޮށް ނިޔާވެފައިވާ ފުލުހުންގެ ހަނދާން އާކޮށްފައިވާ ކަމަށެވެ.
އަދި މާލެ އާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގައި ފުލުހުންގެ ދިދަ ބައި ދަނޑިއަށް ތިރިކޮށް، ދުވަހާ ގުޅިގެން ހާއްސަ ދުއާއެއް ކުރުމާއި އެ ފުލުުހުންގެ ހަނދާން އައު ކުރުމުގެ ގޮތުން ހަމަހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.
ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަސް ފުލުހުންގެ މެމޯރިއަލް ދުވަހުގެ ގޮތުގައި ފާހަގަކުރަން ދިވެހި ސަރުކާރުން ހަމަޖައްސާފައިވަނީ 2012 ވަނަ އަހަރުއެވެ. މިދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުގެ ޖޫން 16 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ޕޮލިސް މެމޯރިއަލް ޑޭ އޯޑަރުގެ ދަށުންނެވެ.
މި ނިންމުމަކީ ފުލުހުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށާއި، ޤައުމީ ފެންވަރުގައި ފުލުހުންގެ މަސައްކަތުގެ މުހިންމުކަން ފާހަގަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ޖުލައި 23 ވަނަ ދުވަހަކީ ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގައި ކ. ކާށިދޫގައި ފުލުހަކު ރަސްމީ ޑިއުޓީގައި ރައްޔިތުންގެ ޚިދުމަތުގައި ހުއްޓައި، ގޭ ބަންދުގައި ހުރި މީހަކު ބަންދުން އަމިއްލައަށް ވީއްލިގެން އުޅެނިކޮށް، ގާނޫނުގައިވާ ގޮތުގެމަތިން ގޭ ބަންދުގައި ހުންނަން އޭނާއަށް އެންގުމުން އުފެދުނު ހިތްހަމަނުޖެހުމުގައި އޭނާ ދިން ހަމަލާއަކުން ޝަހީދުވެ ޕޮލިސް ސަރޖަންޓް އާދަމް ޙަލީމު މި ދުނިޔެއާ ވަކިވެގެންދިޔަ ހިތާމަވެރި ދުވަހެވެ.
ދިވެހި ފުލުހުންގެ މެމޯރިއަލް ދުވަސް މި ދުވަހާ ގުޅުވައިގެން ފާހަގަކުރާގޮތަށް ސަރުކާރުން ހަމަޖެއްސީ އެ ހާދިސާއަކީ ފުލުހުން ރާއްޖޭގައި އުފެދި ޚިދުމަތްކުރަންފެށި ފަހުން ދެކޮޅުވެރި ހަމަލާއެއްގައި ފުލުހަކު ޝަހީދުވި ފުރަތަމަ ހާދިސާކަމަށްވާތީއެވެ.