މާރާމާރީ ހިންގި 6 ބިދޭސީ އެއް ޑީޕޯޓްކޮށްލަނީ
މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން 6 ބިދޭސީ އެއް ޑީޕޯޓްކޮށްލަން އިމިގްރޭޝަނުން ނިންމައިފިއެވެ.
އިމިގްރޭޝަނުން ބުނެފައި ވަނީ އެ ހުރިހާ ބިދޭސީން ވެސް ޑީޕޯޓްކޮށްލަން ނިންމާފައި ވަނީ މާލޭގައި ހިނގި މާރާމާރީއަކާ ގުޅިގެންކަމަށެވެ.
އަދި ދިވެހި ފުލުހުންގެ ޚިދުމަތުން އެ އިދާރާއާ 6 ބިދޭސީއަކު ހަވާލުކޮށްފައިވާ ކަމަށާއި އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން އެ 6 ބިދޭސީންގެ ވިސާ ބާތިލުކޮށް ޑީޕޯޓްކޮށްލަން ނިންމާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުރާސްފަތި ދުވަހު ބުނެފައެވެ.
އިމިގްރޭޝަނުން ވަނީ މި 6 ބިދޭސީންގެ ފޮޓޯ ވެސް އާއްމުކޮށްފައެވެ.
އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ 26 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި، 29 އަހަރުގެ ދެ މީހުންގެ އިތުރުން 38 އަހަރުގެ މީހަކާއި 40 އަހަރުގެ މީހެކެވެ.
މި ބިދޭސީން ޑީޕޯޓްކުރާ ސީދާ މައްސަލަ އިމިގްރޭޝަނުން ވެސް އަދި ފުލުހުން ވެސް ހާމަކޮށްފައެއް ނުވެއެވެ.
ލަފާކުރެވޭ ގޮތުގައި މި 6 ބިދޭސީންނަކީ ބުދަ ދުވަހުގެ ރޭ އަސްރަފީ މަގުގައި ހިނގި މާރާމާރީގައި ބައިވެރިވި ބިދޭސީންނެވެ.
މި މާރާމާރީގައި އަނިޔާލިބުނު 2 މީހަކަށް އައިޖީއެމްއެޗުގައި ވަނީ ފަރުވާދީފައެވެ. އަދި މި ހާދިސާ އާއި ގުޅިގެން 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.