މަސްވެރިންގެ ޤައުމީ ދަފްތަރުގައި 200 އުޅަނދު
މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް 200 އުޅަނދު ރަޖިސްޓްރީކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި ދަފުތަރު އެކުލަވާލުމުގެ މައިގަނޑު އެއް ބޭނުމަކީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި މަސްވެރިންގެ ދަފްތަރު އެކުލަވާލެއްވުމާއެކު އެ ސިނާޢަތުގައި ހަރަކާތްތެރިވާ ބިދޭސީންގެ ސަބަބުން ރާއްޖެއިން ބޭރުވަމުންދާ ފައިސާ ރާއްޖޭގެ އިޤްތިޞާދުގައި ހިފެހެއްޓޭނެކަމަށެވެ.
މަސްވެރިންގެ ޤައުމީ ދަފުތަރުގެ އިތުރުން ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސަވާނޭކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.