ޖައިޝަންކަރު އެމްޑީޕީގެ ލީޑާޝިޕާ ބައްދަލުކުރައްވައިފި
އިދިކޮޅު މައި ޕާޓީގެ ގޮތުގައި މި ވަގުތު އޮތް އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާ، ރާއްޖެއަށް މިހާރު ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ އަވައްޓެރި އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންގެ ތެރެއިން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ޕާޓީގެ ނައިބު ރައީސް ހިސާން ހުސައިނާއި، ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގެވެ.
އެމްޑީޕީގެ ފޮރިން ރިލޭޝަން ކޮމިޓީގެ ދެ މެންބަރުން ކަމަށްވާ ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާއާއި، ކުރީގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އަދި ޒުވާނުންގެ ގޮފީގެ ރައީސް ރިފްގާ ޝަހީމް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން އެމްޑީޕީން ބުނީ ނިމިދިޔަ ރިޔާސީ ދައުރުގައި އެ ޕާޓީގެ ސަރުކާރެއް ހިންގަމުން ދިޔަ ދުވަސްވަރު އިންޑިއާއާ އެކީ ގާއިމުކުރި ބައެއް އެއްބަސްވުންތައް އާކޮށްގެން ކުރިއަށް ގެންދަން ނިންމީތީ އެމްޑީޕީން ޖައިޝަންކަރަށް ޝުކުރު އަދާ ކުރި ކަމަށެވެ.
އަދި އިންޑިއާ ބާކީނުކޮށް އިންޑިއާއާ ގާތް ގުޅުމެއް ބާއްވާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތު "ބަދަލުކުރީތީ" އެ ކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
"ރައީސް މުޢިއްޒުގެ ސަރުކާރުން އިންޑިއާއާމެދު ގެންގުޅޭ ސިޔާސަތު “އިންޑިއާ އައުޓް” އިން “ވެލްކަމް އިންޑިއާ” އަށް ބަދަލުކުރި ކުރުމަށް އެމްޑީޕީން މަރުޙަބާ ކިޔަން،" އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައިވެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީ ސަރުކާރުގައި އެންމެ ގާތް ގުޅުމެއް ބޭއްވީ އިންޑިއާއާ އެވެ. އޭރު އިންޑިއާގެ އެހީގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގިއިރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި "ބަޖެޓް ސަޕޯޓް" އެ ގައުމުން ހަމަޖައްސައިދީފައިވެ އެވެ.