އާސަންދައިން ޕްރައިވެޓް ހޮސްޕިޓަލުތަކަށް ޕެކޭޖު އަގުތަކެއް
ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލުތަކުން ފޯރުކޮށްދެމުން އަންނަ ސިއްހީ ހިދުމަތްތަކުގެ އަގުބޮޑު ކަމަށާއި މައްސަލައިގެ ހައްލެއް ކަމުގައި ދެކެނީ ޕެކޭޖް ހަދައިގެން އޭގެ ތެރެއިން އާސަންދަ ދިނުން ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީގައި އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު މެދު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަސްމާ ރަޝީދު މިއަދު ވިދާޅުވީ ޕްރައިވެޓް ހޮސްޕިޓަލްތަކުން ހިތުހުރި އަގެއް ބިލު ކުރަމުން އަންނަ ކަމަށެވެ. އެކަން ރިވައިސް ކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުން ދޭތޯ މެމްބަރު ވަނީ ސުވާލު ކުރައްވާފަ އެވެ.
ސުވާލުގެ ޖަވާބުގައި ޒީނިޔާ ވިދާޅުވީ އެކަމާ ގުޅުންހުރި ކަންބޮޑުވުންތައް މިދިޔަ ހަފުތާގައި ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ވެސް ގުޅުއްވައި ހިއްސާކުރެއްވި ކަމަށެވެ. މިނިސްޓަރުގެ ލަފަޔާ އެކު އެކަމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޕްރައިވެޓް ހޮސްޕިޓަލުތަކުން ފަރުވާ ހޯދަން މީހުން ދަނީ ސަރުކާރުން ހިންގާ އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ކިއު ދިގުވުމުން ޑޮކްޓަރަށް ދެއްކޭނެ ފަސޭހަ އިންތިޒާމެއް ނެތުމުންނެވެ.
"ޕެކޭޖް ޕްރައިސް" އަށް އެއްބަސްނުވާ ނަމަ އެ ހިދުމަތް ނުލިބޭނެ ކަމަށް ބުނާއިރު، އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލް ވަރަށް ބޮޑަށް ރަނގަޅުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ގިނަ މީހުން ރަށްރަށުން މާލެއަށް އަންނަނީ ޑޮކްޓަރަށް ދައްކާފައި އަވަހަށް ދިއުމަށް ނަމަވެސް އެ ހޮސްޕިޓަލުތަކުގެ ކިއު ދިގުވުމާ ގުޅިގެން އެކަމުގައި ތަކުލީފު އުފުލަން ޖެހޭ ކަމަށެވެ. ތައަރާފްކުރާ ޕެކޭޖްއާ ގުޅޭ މައުލޫމާތެއް ކޮމިޓީގައި ހިއްސާއެއް ނުކުރެ އެވެ.
ޒީނިއާ ވިދާޅުވީ ބައިވަރު ލޫޕްހޯލްސްތަކެއް އެބަހުރި ކަމަށާއި ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.