ރިލްވާންގެ ބައްޕަ ނިޔާވެއްޖެ
ވަގަށް ނަގައި މަރާލި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެ ބައްޕަ އަބްދުﷲ މޫސާ ނިޔާވެއްޖެ އެވެ.
އަބްދުﷲ މޫސާ ،79، ނިޔާވީ ރޭގެ ވަގުތެއްގަ އެވެ. އޭނާގެ ކަށު ނަމާދު މިއަދުގެ އަސުރު ނަމާދަށްފަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރިލްވާން ގެއްލުނު ފަހުން އޭނާ އަށް އިންސާފު ހޯދައިދޭން ގޮވާލައި ބޭއްވި އެއްވުންތަކުގެ އެންމެ ކުރީގައި އަބްދުﷲ ބައިވެރިވެފައިވެ އެވެ.
މަރު ކޮމިޝަނުން 2019 ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޓެރަރިސްޓު ޖަމާއަތަކާއި ގުޅުން އޮންނަ ބަޔަކު ރިލްވާން ވަގަށް ނަގައި ކަނޑުމައްޗަށް ގެންގޮސް މަރާލުމަށްފަހު ކަނޑުފައްތާފައިވާ ކަމަށް ބުނެފަ އެވެ. ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ 2014 އޮގަސްޓް 7 ވަނަ ދުވަހު އެވެ.