މަރާމާތަށްފަހު އާސަހަރާ މިސްކިތާއި ހިނަވާގެ ހުޅުއްވައިފި
ދުވަސްތަކަކަށްފަހު މާލޭގެ އާސަހަރާ މިސްކިތާއި ހިނަވާގެ މަރާމާތްކޮށް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފިއެވެ.
މިއަދު މެންދުރު ނަމާދުގެ ކުރިން އެ ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިސްކިތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމެވެ.
މާލޭގެ އާސަރާގެ މިސްކިތާއި ހިނަވާގެ މަރާމަތުކޮށް ޖާގަ ތަނަވަސް ތަނެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ފަށާއިފަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ހުންނެވިއިރުއެވެ.
އާސަހަރާ މިސްކިތާއި ހިނަވާ ބައި ބޮޑުކޮށް މަރާމާތަށްފަހު މިއަދު ހުޅުވިއިރު، މިސްކިތުގެ ޖާގަބޮޑުކޮށް ދެ ފަންގިފިލާ އޭސީކޮށް ނާމާދުކުރެވޭގޮތަށް ވަނީ ހަދާފައެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ޚާއްސަ ފާހާނާއާއި އާންމުންނަށް ޚާއްސަ ފާހާނާ ހުންނާނެއެވެ. އަދި ކުރިން ދެ ކޮޓަރިހުރިނަމަވެސް، މައްޔިތާ ހިނެވުމަށް ޚާއްސަ 3 ކޮޓަރި މިހާރު ހުންނާނެއެވެ. ހިނަވާ ގޭގައި ތަނުގެ މުވައްޒަފުންނާއި ޖަމާތްތެރިންނަށް ތިބެވޭނެ ކޮޓަރިއެއްވެސް ވަނީ ހަދާފައެވެ.
މީގެއިތުރުން ސަހަރާއާއި މިސްކިތަށް އަންނަ މީހުންނަށް ޚާއްސަ ސައިކަލް ޕާކިން ޒޯނެއް ވަނީ ހަދާފައެވެ. މިސްކިތާ އާސަހަރާ މަރާމާރުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތަށް 11.6 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.