ރައީސްއަށް އިންޒާރުދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. ސަންސަގެއާގެ އުމުރުން 40 އަހަރުގެ ޢަބްދުﷲ މިޔާދެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖޭން ބޭރުގައި ހުރެފައި ރޭގެ ވަގުތެއްގައި ރާއްޖެ އައުމުން ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ، މިޔާދު ބޭނުންކުރާ ކަމަށް ބެލެވޭ ފޭސްބުކް އެކައުންޓްތަކުން ރައީސް ޑރ. މުޢިއްޒާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށާއި އެހެން މީހުންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށް ބުނެ، އަދި އެ ނޫން ގޮތްގޮތުން ވެސް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދެމުންދާ މައްސަލަ ތަޙުޤީޤުކަރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އެ އެކައުންޓުތަކުން ހަޑިހުތުރުބަހުން ޕޯސްޓުތައް ކުރުމާއެކު އެއްޖިންސުން ގުޅުންހިންގުމަށް ހިތްވަރުދޭގޮތަށް ޕޯސްޓުތައް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
"އަބްލޯ މިޔާދު ޔޫސުފް"ގެ ނަމުގައި ފޭސްބުކްގައި ހަރަކާތްތެރިވާ މީހަކު ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރުދިން މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.