ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ގުރުއަތުނެގުން އަންގާރަ ދުވަހު
ކުރީގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ލިބޭ ޕްލޮޓް ކަނޑައަޅުމަށް ބާއްވާ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ ގުރުލުން ކުރިއަށް ދާނީ އަންގާރަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ދަރުބާރުގޭގައި ކަމަށެވެ. ވީހާ ވެސް ހާމަކަން ބޮޑުކޮށް މިކަން ކުރިއަށް ގެންދިއުމުގެ ގޮތުން ގުރުއަތުލުމުގެ ކަންކަން ބަލަން ވަނުމުގެ ފުރުސަތު ވެސް އާންމުންނަށް ދޭން ނިންމާފައިވާ އިރު، ގުރުލުން ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ލައިވް ކުރާނެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް އިސްފައިވާ ބަދަލަކާ ގުޅިގެން "ބިންވެރިޔާ" ސްކީމުގެ ދަށުން ކުރިން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ބަދަލު އައިސްފައިވާ ކަމަށެވެ. އެވެ.އެހެންވެ ކުރިން ބިންތައް ހަވާލުކޮށްފައިވާ ފަރާތްތަކާއި، މިހާތަނަށް ބިން ހަވާލުނުކޮށް ތިބި ފަރާތްތަކާއި، ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލުކުރި މީހުންގެ ގޯތީގެ ގުރުއަތުލުން ވެސް އަންގާރަ ދުވަހު ކުރިއަށް ގެންދާނެ އެވެ.
ގުޅީފަޅުން ޖުމްލަ 3،520 ގޯތި ދޫކުރެ އެވެ.
ގޯތީތަކުގެ ސައިޒާއި އަދަދުތައް:
* 1،250 އަކަފޫޓުގެ 669 ގޯތި
* 1،650 އަކަފޫޓުގެ 1234 ގޯތި
* 2،050 އަކަފޫޓުގެ 916 ގޯތި
* 2،450 އަކަފޫޓުގެ 473 ގޯތި
* 2،850 އަކަފޫޓުގެ 158 ގޯތި
* 3،250 އަކަފޫޓުގެ 49 ގޯތި
* 3،650 އަކަފޫޓުގެ 21 ގޯތި
ހައުސިން މިނިސްޓްރީން ބުނީ ބިން ލިބޭ ފަރާތްތަކުގެ ގުރުއަތުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުން ކަމަށެވެ.
ގުރުއަތު ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި، ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުންތަކާ ގުޅޭ މަޢުލޫމާތު މިނިސްޓްރީން ހިއްސާކުރާނެ އެވެ.