ވެމްކޯ އިން މަގު ސާފުކުރުމަށް ޚާއްސަ އުޅަނދެއް ގެނެސްފި
މަގު ކުނި ކެހުމަށް ޚާއްސަ އުޅަނދެއް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ގެނެސްފިއެވެ.
ރާއްޖޭގެ ކުނީގެ މައްސަލައަށް ހައްލެއް ގެނައުމާއި ސަރުކާރަށް ބަރޯސާ ނުވެ ހިންގާ ކުންފުންޏަކަށް ވެމްކޯ ހެދުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުންފުނިން މި ގެނައި އުޅނަދު ބޭނުންކުރާނީ ހުޅުމާލޭގައި ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ވެމްކޯއިން ބުނި ގޮތުގައި މާލޭގެ މަގުތައް ހުންނަ ގޮތުން މާލޭގައި މި އުޅަނދު ބޭނުން ނުކުރެވޭނެ ކަމަށާއި މި އުޅަނދު ބޭނުންކުރާނީ ހުޅުމާލޭގައި ކަމަށެވެ. ވެމްކޯއިން ވަނީ ހުޅުމާލޭގެ މަގުތައް ސާފުކުރުމަށް މި އުޅަނދު ބޭނުންކުރަން ފަށާފައެވެ.
ވެމްކޯއިން ގެނައި އުޅަނދަކީ ކުނި ނެގުމުގެ އިތުރުން މަގަށް ފެންޖެހުމަށްވެސް ބޭނުންކުރެވޭނެ އުޅަނދެކެވެ. މިބާވަތުގެ އުޅަނދުތަކަކީ ދުނިޔޭގެ ކުރިއަރަފައިވާ ސިޓިތަކުގެ މަގުތައް ސާފުކޮށް ބެލެހެއްޓުމަށް ބޭނުންކުރާ ވެހިކަލްތަކެވެ.
ވެމްކޯއިން ވަނީ އެކުންފުނިން ކުރަމުންދާ މަސައްކަތްތައް އިތުރުކޮށް ފައިދާގައި ހިންގާ ކުންފުންޏަކަށް ބަދަލުކުރުމަށް އިތުރު މަސައްކަތްތަކެއް ފަށާފައެވެ. މިގޮތުން މާލޭ ސިޓީގެ ޢިމާރާތްތައް ސާފުކުރުމާއި ރިސޯޓުތަކުގެ ކުނި އުކާލުމުގެ ޚިދުމަތަކީ އެކުންފުނިން ދާދި ފަހުން ފަށާފައިވާ ކާމިޔާބު މަސައްކަތްތަކެވެ.