ކޮވިޑުގައި ލިބުނު 4 ބިލިއަނަށް ވީގޮތެއް ނޭނގޭ
ކޮވިޑް-19 ގައި ހިލޭ އެހީގެ ގޮތުގައި ލިބުނު 4 ބިލިއަން ރުފިޔާ އަށް ވީގޮތް ނޭނގޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާ ދިމާކޮށް ދައުލަތުގެ މީޑިއާ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ ކޮވިޑް މެނޭޖްކުރުމަށްޓަކާ އެކުވެރި ދައުލަތްތަކުންނާއި އެކި އިދާރާތަކުން އޭރުގެ ސަރުކާރާއި 565 މިލިއަން ޑޮލަރު ނުވަތަ 8.7 ބިލިއަން ރުފިޔާގެ ހިލޭ އެހީ ހަވާލުކޮށްފައިވާ ކަމަށެވެ.
ކުރީ ސަރުކާރުން ހަދާފައިވާ އެކްސްޕެންޑިޗާ ރިޕޯޓްތަކުން ދައްކާ ގޮތުގައި ކޮވިޑަށް ކުރި ހަރަދު ކަމަށް ބުނާ އަދަދަކީ 4.2 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އަނެއް 4 ބިލިއަން ރުފިޔާ އަށް ވީގޮތެއް ނޭނގޭ ކަމަށް ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ސުވާލަކީ ކޮބާހޭ ކޮވިޑަށް ލިބުނު އަނެއް 4 ބިލިޔަން ރުފިޔާ. އެ ފައިސާ ދިޔައީ ކޮންބައެއްގެ އެކައުންޓްތަކަށްތޯ އެ ފައިސާ ދިޔައީ. މި ކަންކަން ނުބެލޭކަމަށްވަންޏާ ރައްޔިތުންގެ އިތުބާރު އެބަޔަކާ ދޭތެރޭގައި ގެއްލިގެންދާތަން މާޒީގައި ފެނިފައި އޮތީ،" ސައީދު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު ސިޔާސީ ބޭފުޅުން ހައްޔަރު ނުކުރައްވާ ކަމަށާއި ނަމަވެސް ގާނޫނީ ވެރިކަމެއް ކުރާނަމަ ދައުލަތުން ވައްކަން ކޮށްފިނަމަ އެކަން ބެލެންޖެހޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި މި ހުރިހާ ކަމެއް ބެލޭނެ ޖާގަ ވެސް މިއަދު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ސައީދު ވަނީ ކޮވިޑާ ބެހޭ ބޮޑު އޮޑިޓެއް ހަދަން ތައްޔާރުވަމުންދާ ކަމަށާއި އެ އޮޑިޓް ނިމުމުން މިކަމުގައި ވެފައިވަނީ ކިހާ ވަރެއްގެ ހިޔާނަތްތަކެއްކަން އެނގިގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.