ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލަ ކޯޓަށް
އާބާދީގައި 10،000 ހަމަނުވާ ގދ. ތިނަދު އަށް ސިޓީގެ ދަރަޖަ ދިން މައްސަލަ ބާތިލުކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ރައީސް އޮފީހާ ދެކޮޅަށް އެ މައްސަލަ މިދިޔަ ބުރާސްފަތީގައި ކޯޓަށް ހުށަހެޅުއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ.
އޭނަ ވިދާޅުވި ގޮތުގައި ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ސިޓީއަކަށް ޝަރުތު ހަމަވާ ކަންކަމަށް ރިއާޔަތްނުކޮށެވެ. އެގޮތުން ސިޓީއެެއްގެ ދަރަޖަ ދިނުމުގައި 10،000 މީހުންގެ އާބާދީ އަށް އޮންނަން ޖެހޭ އިރު، އެ ޝަރުތި ތިނަދޫގައި ހަމަ ނުވާ ކަމަށް ރާގިބް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އެ ރަށުގެ އާބާދީގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން ޑީއެންއާރް) އަށް ހުށަހެޅުމުން އެ ތަނުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ތިނަދޫގެ އާބާދީއަކީ 7،000 އެވެ. އެހެންވެ، ގާނޫނުގައިވާ މިންގަނޑަށް ނުފެތެނީސް ތިނަދު އަށް ސިޓީގެ ދަރަޖަ ދީފައި ވަނީ ކައުންސިލުން އޮޅުވާލި ލިސްޓަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ. އަދި އެއީ ދައުލަތުގެ ލިޔުމެއް ގަސްދުގައި އޮޅުވާލައި، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން ކަމަށްވާތީ ކައުންސިލާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ މައްސަލަ ބަލަން ރާހިގް ހުށަހެޅި މައްސަލަގައި އެދިފައިވެ އެވެ.
ނަމަވެސް އެ މައްސަލަ ހައި ކޯޓުން ބަލައި ގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރައީސްގެ ގަރާރަކުން އޮގަސްޓް މަހުގެ 30 ގަ އެވެ. އެ ގަރާރުގައި ސިޓީއެއްގެ ދަރަޖަ ދެވޭ ރަށްރަށުގައި ހުންނަން ޖެހޭ ޝަރުތުތައް ތިނަދޫގައި ފުރިހަމަވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބުމުގައި ޤާނޫނީ ހުރަސްތަކެއް ހުރުމުން އެކަމާ ގުޅޭ ގޮތުން އެ ރަށު ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް އެ މައްސަލަ މިދިޔަ އަހަރުގެ ފަހުކޮޅު ހުށަހެޅި އެވެ.
އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ މާޗް މަހުގެ ތެރޭގައި ގދ. ތިނަދޫ ކައުންސިލަކީ، "ތިނަދޫ ސިޓީ ކައުންސިލް" ގެ ގޮތުގައި އަދި ގދ. ތިނަދޫ ކައުންސިލްގެ އިދާރާއަކީ "ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ"ގެ ގޮތުގައި ހަމަޖެއްސެވި އެވެ.
ރާއްޖޭގެ ސިޓީތަކުގެ ތެރޭގައި މިހާރު ހިމެނެނީ ތިނަދު އާއި އައްޑޫ އާއި ފުވައްމުލަކާއި ކުޅުދުއްފުށީގެ އިތުރުން ވެރިކަން ކުރާ މާލެ އެވެ.