ގެއްލުނު ރާޖު ކުމާރު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން މެދުކަނޑާލައިފި
އައްޑޫއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ "ސީމެކްސް" ނަމަކަށް ކިޔާ ބޯޓެއްގައި ހުރި ނޭޕާލް ފަޅުވެރިއަކު ކަމުގައިވާ ރާޖު ކުމާރް ހޯދުމަށް ކުރަމުންދާ މަސައްކަތް މެދުކަނޑާލާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ސްކޮޑްރަންއިން ސާޗް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މިހާދިސާއާ ގުޅިގެން ގެއްލުނު މީހާ ހޯދުން މިހާރު ވަނީ މެދުކަނޑާލާފައިވާއިރު މި މަހުގެ 17 އަދި 18 ވަނަ ދުވަހު 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށެވެ.
މީގެ އިތުރުން، 19 ވަނަ ދުވަހު ފުވައްމުލައް ވަށައިގެން ބަލައިފައިވާ ކަމަށާއި މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައި ވަނީ ކަނޑުމަގުން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މިހާދިސާގެ މައުލޫމާތު ދެމުން ފުލުހުން ވިދާޅުވެފައިވަނީ ރާޖު ކުމާރު ބޯޓުގައި ނެތް ކަން އެނގުނީ އެ ބޯޓު އައްޑޫ އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި އޮއްވައިކަމަށެވެ. އެއީ ފުވައްމުލަކާ 8 މޭލު ދުރުންނެވެ.
ސީމެކްސް ބޯޓު އައްޑޫން ފުރީ ޑިސެމްބަރ 17 ވަނަ ދުވަހުގެ ރޭ 11:30 ހާއިރެވެ. ބޯޓު ފުރިއިރު އޭގައި ރާޖް ކުމާރު ހުރި ކަމަށާއި އެރޭ މެންދަމު 1:15 ހާއިރު ބޯޓުގެ ކެޕްޓަންއާ އޭނާ ވާހަކަ ދެއްކި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.