07 އޭޕްރީލު 2025

Advertisement

ރޯދައިގެ ދަރުމަ ލިބޭނީ ނޭދެވޭ ކަންކަމުން ދުރުވެގެން

28 ފެބްރުއަރީ 2025

ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ނޭދެވޭ ކަންކަމުން ދުރުހެލިވެގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ރޯދަވެރިޔާ އަމަލުތައް ބަހައްޓާންވީ ގޮތް"، މި މައުޟޫއުގެ މައްޗަށެވެ.

ހުތުބާގައި ބުނީ ރޯދައިގެ މައިގަނޑު މަގުސަދަކީ ތަގުވާވެރިވުން ކަމަށާއި ތަގުވާގެ މާނައިގައި، ހެޔޮ އަމަލުކުރުމާއި، އެންމެހައި ފާފަތަކާ ދުރުހެލިވުން ހިމެނޭ ކަމަށެވެ. އަދި ރޯދައަކީ ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއް ކަމަށާއި ރޯދަވެރިޔާ ކުރުމަށް އާދަވެފައިވާ ދުނިޔެވީ އެދުންތަކާ ނަފުސު ދުރުކުރުމަށް ލިބޭ ތަރުބަވީ ފިލާވަޅެއް ކަމަށް ޚުތުބާގައި ވަނީ ބުނެފަ އެވެ.

Advertisement

"މުޅި ދުވާލު ކެއިންބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން، ދުނިޔޭގެ އެދުންތަކާ ދުރުވެ، ދަހިވެތިކަން ކުޑަވެ، ރޫޙާނީ ބާރު އިތުރުވޭ. ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވެގެން. ނުބައި ބަސްތައް ބުނުމާއި، އެ ފަދަ އަމަލުތައް ކުރުން ހުއްޓައިލައިގެން. އަރައިރުންވުމާއި، ޒުވާބުކުރުމުން ދުރުހެލިވެގެން،" ޚުތުބާގައި ބުންޏެވެ.

ޝަރީޢަތުގައި ރޯދަ ގެއްލޭ ކަންތައްތަކެއް ހުރިއިރު އޭގެ ތެރެއިން ބައެއް ކަންކަމަކީ ގަދަކަމުން ހޮޑުލުމާއި ކެއިންބުއިމާއި ޖިމާއުވުމުގެ އިތުރުން މުޅި ދުވާލު މަސްތުގެ ހާލަތުގައި ހުރުން ހިމެނެ އެވެ. ނަމަވެސް ރޯދައަށް ހުރިކަން ހަނދާން ނެތި އެއްޗެއް ކެވުނަސް އަދި ފެންފޮދެއް ބޮވުނަސް އޭނާގެ ރޯދައެއް ނުގެއްލޭނެ ކަމަށާއި އަނެއްބައި ކަންކަމަކީ ރޯދަވެރިޔާގެ އިޚުތިޔާރެއް ނެތި ކުރިމަތިވާ ކަންކަން ކަމަށް ޚުތުބާގައި ބުންޏެވެ. އެއީ މުޅި ދުވާލު ހޭނެތިފައި އޮތުމާއި، ޙައިޟުވެރިކަމާއި ނިފާސްވެރިކަމެވެ.

ރޯދައިގެ މަގުސަދަކީ، ދުންޔަވީ އެންމެހައި އެދުންތަކުން ނަފުސު ޠާހިރުކޮށް، އުޚްރަވީ ޙަޔާތުން ލާބަހޯދުން ކަމަށާއި މި ބަރަކާތްތެރި މައްސަރުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ޙާޞިލުކުރެވޭތޯ މަސައްކަތް ކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި، ފަރުވާކުޑަކުރެވުނު ކަންތައްތައް އިޞްލާޙުކޮށް، ރަމަޟާންމަހުގެ ދުވަސްތަކުގައި، އޭގެ ހިސާބެއް ނެތް ރަޙުމަތާއި، މަޣުފިރަތާއި، ރުއްސެވުން ޙާޞިލުކުރުމަށް ޢަޒުމު ކަނޑައެޅުމަށް ވެސް ހުތުބާގައި ވަނީ ގޮވާލައިފަ އެވެ.

Advertisement

ކޮމެންޓް