ފްލެޓް ނުލިބޭ މީހުންނަށް އެހީވާން އެމްޑީޕީން ޕޯޓަލެއް
ކުރީގެ ސަރުކާރުން ފެށި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓް މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ތެރެއިން މި ސަރުކާރުން ދިޔަ ސަރުކާރުން ފްލެޓަށް ޝަރުތު ހަމަނުވާ މީހުންނަށް އެހީވާން އެމްޑީޕީން ޕޯޓަލްއެއް ގާއިމުކޮށްފި އެވެ.
މި ސަރާރުން ވަނީ ފްލެޓް 3،119 ބާކީކޮށްފަ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ލީގަލް ޓީމުގައި ހިމެނޭ އަހުމަދު މައުރޫފް ވިދާޅުވީ ފްލެޓް ނުލިބޭ މީހުންނަށް އެހީވާން ގާއިމުކުރި އެ ޕޯޓަލްގެ ބޭނުމަކީ މި ސަރުކާރުން ފްލެޓު ނުލިބޭނެ ކަމަށް ބުނެ ނުހައްގުން ޑިސްކޮލިފައިކުރި މީހުންނާއި ފްލެޓު އެގްރީމަންޓުތަކުގައި ސޮއިކުރި ނަމަވެސް ބާކީ ކުރި މީހުންގެ ހައްގުގައި އެމީހުންނަށް އެހީތެރިވުމުގެ ގޮތުން މައުލޫމާތު އެއްކުރުން ކަމަށެވެ.
"މިއީ ވަރަށް ސިމްޕަލް ސިސްޓަމެއް އަޅުގަނޑުމެން ގާއިމުކޮށްފައި މިއޮތީ. އެއްވެސް ފަރާތަކުން އައިޑީކާޑު ކޮޕީއެއް ފަދަ އެކަހަލަ ޕާސަނަލް މައުލޫމާތު، ޑޮކިއުމަންޓް މިއަށް ހުށަހަޅަން ޖެހޭ ގޮތަކަށް ނޫން އަޅުގަނޑުމެން މީތި ފަރުމާ ކޮށްފައި މިއޮތީ،" އޭނަ ވިދާޅުވި އެވެ. "ދެން މިއަށް އޮންލައިވުމުގައި ވެސް ވަރަށް ފަސޭހަ ސިމްޕަލް ގޮތަކަށް މި ފަރުމާ ކޮށްފައި މިއޮތީ."
މައުރޫފް ވިދާޅުވީ އެމްޑީޕީގެ ހައުސިން ކޮމިޓީ އާއި އެކި ގުނަވަންތަކުން ފްލެޓް މައްސަލައާ ގުޅިގެން އެކި މަޝްވަރާތަކެއްކޮށް، ފްލެޓް ނުލިބޭނެ ކަމަށް މި ސަރުކާރުން ކަނޑައެޅި މީހުންގެ ހައްގުގައި ވަކާލާތު ކުރެވޭނެ މަގުތައް ބަލަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ނިންމާފައި އޮތީ އެ ފަރާތްތަކުގެ މައުލޫމާތު އަޅުގަނޑުމެންނަށް އެއްކުރެވޭނެ ކޮންމެވެސް ނިޒާމެއް އަޅުގަނޑުމެންގެ ތެރޭގައި ގާއިމުކޮށް، އެފަރާތްތަކުގެ މައުލޫމާތު ލިބުމާ އެއްކޮށް އަދި އެ ފަރާތްތަކާ ގުޅައިގެން ނުވަތަ ކޮންމެވެސް ސިފައެއްގައި ބައްދަލުވުމެއްގެ ތެރެއިން ދެން ކުރިއަށްދާނެ ގޮތެއް،" އޭނަ ވިދާޅުވި އެވެ. "އެ ފަރާތްތަކަށް އެހީތެރިވާނެ ގޮތެއް އަޅުގަނޑުމެން ކަނޑައަޅާ ގޮތަށް."
ފްލެޓުތަކާ ގުޅިގެން އެމްޑީޕީއަށް މައުލޫމާތު ހިއްސާކުރަން ބޭނުންވާ މީހުން ޕޯގަލް އަށް ލޮގިން ވާން ޖެހެނީ ހަމައެކަނި ފޯމު ނަންބަރާއި ފޯނު ނަންބަރު ޖަހައިގެންނެވެ. އަދި ބޭނުންވާ ލިޔެކިޔުންތައް ހިއްސާ ކުރެވޭނެ އެވެ.