މުޝްފިގް ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް
"ހޮޅުދޫ ބޯޓުގައި" ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި، ގެއްލުނު ލ. މާވަށު، އަލީ މުޝްފިގް ޝަރީފް، 25 ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ވޭތުވެ ދިޔަ 24 ގަޑިއިރުގައި މުޝްފިގް ހޯދުމަށް 133 ސްކެއާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ. އަދި އަންޑާވޯޓާ ޑައިވިން ސާޗް ގެ ގޮތުގައި 143880 އަކަ މީޓަރު ބަލާފައިވާއިރު ވައިގެ މަގުން 5000 ސްކެއާ ކިލޯމީޓަރު ބަލާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މުޝްފިގު ހޯދުމުގެ މަސައްކަތުގައި ޑްރޯން އަންނަނީ ބޭނުން ކުރަމުންނެވެ. މި މަސައްކަތުގައި ކޯސްޓްގާޑްގެ ތިން އުޅަނދެއް ބައިވެރިކޮށްފައިވާއިރު އެއީ ކޯސްޓްގާޑް ޝިޕް ޢާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114 އެވެ. އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ތ.އަތޮޅާއި ލ.އަތޮޅުން މާލެ އިން ދަތުރު ކުރާ "ހޮޅުދޫ ބޯޓުގައި" ރޯވެފައިވަނީ މާލެ ދަތުރުކުރަނިކޮށް ކަމަށް ވެއެވެ. އެ ބޯޓުގައި އަލިފާން ރޯވުމާއިއެކު އެންމެން ލައިފް ޖެކެޓް އަޅައި މޫދަށް ފުންމާލިއެވެ. އެމީހުން ސަލާމަތް ކުރީ އެސަރަހައްދަށް ދިޔަ ލޯންޗްތަކުންނެވެ.