އުނގަންނައިދިނުމަކީ، ދީނީ، ޤައުމީ، އިޖުތިމާޢީ އަދި އިންސާނީ ވާޖިބެއް: ރައީސް
ދަރިންގެ ތަޢުލީމަކީ ދީނީ، ޤައުމީ، އިޖުތިމާޢީ އަދި އިންސާނީ ވާޖިބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ފޮނުއްވެވި ޚިޠާބުގައެވެ. މި ޚިޠާބުގައި އެމަނިކުފާނު ވަނީ ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ކިޔަވާ ކުދީންނަށާއި, ބެލެނިވެރީންނަށް، އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހީވާގި މުދައްރިސުންނަށާއި, ޚިދުމަތްތެރީންނަށް ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދަރީންނަށް ތަޢުލީމު ދިނުމަކީ, ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓު ކަމަށާއި އުނގަންނައިދިނުމަކީ، ދީނީ، ޤައުމީ، އިޖުތިމާޢީ އަދި އިންސާނީ ވާޖިބެއް ކަމަށެވެ.
ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތްކުރައްވަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވަސީލަތްތަކާއި ޖާގައިގެ ގޮތުން ފަހި ސްކޫލް މާޙައުލުތައް ޤާއިމުކޮށްދެއްވައި، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުޞަތުތައް ހޯދައިދެއްވާނެ ކަމަށެވެ. އަދި، ތަޢުލީމީ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށްވެސް ރަނގަޅު މަގުތައް ފަހިކޮށްދީ، ބެލެނިވެރީން ފަޚުރުވެރިވާނެ މަތީ ނަތީޖާތަކެއް ހާސިލުކުރެވޭނެ ހުރިހާ އަމާޒަކަށް ވާޞިލުވުމަށް ސަރުކާރުން ހިންމަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފެށުނު ދިރާސީ އައު އަހަރު، ދިވެހި ލޮބުވެތި ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ޤައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ހާސިލުކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ، ތަޢުލީމު ދިނުމުގެ ޙައްޤު ހަމަހަމަކަމާއެކުއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް މަސައްކަތްކުރައްވަމުންދާނެ ކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.