ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ބައެއް އަތޮޅުތަކަށް މިއަދު ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހެނދުނު 10:45 އިން ފެށިގެން މެންދުރު ފަހު 2:00 އާ ހަމައަށެވެ. އެގޮތުން އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި، ގުގުރައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބުންޏެވެ.
އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފި އެވެ.
އިއްޔެ އިން ފެށިގެން މުޅި ރާއްޖެ އަށް ވެސް މޫސުން ގޯސްވެފައިވާ އިރު، ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މޫސުމާ ބެހޭ އިދާރާއިންނާއި ނެޝަނަލް ޑިޒާސްޓާ މެނޭމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބޯކޮށް ވާރޭ ވެހޭނެތީ، ފެންބޮޑުވެ، ލިބިދާނެ ގެއްލުންތަކަކުން ރައްކާތެރިކަން ހޯދަން ދުރާލައި ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.