މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވެއްޖެ
ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވެއްޖެއެވެ.
މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ.
މަޑުލު މުޙައްމަދު ވަޙީދަށް ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވަނީ ލިބިވަޑައިގެންފައެވެ. ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ވަރަށްގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މަޑުލު މުޙައްމަދު ވަޙީދަކީ ދައުލަތުގެ މީޑިއާ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެންމެފަހުން އަދާކުރެއްވި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރުކަމުގެ މަޤާމެވެ.