މަސްޖިދުއް ނަބަވީގެ އިމާމު ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
މަސްޖިދުލް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ހަރަމްފުޅުގެ އިމާމު ރަސްމީ ދަތުރުފުޅެއްގައި މި މަހުގެ 21ވާ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
މިއީ 40 އަހަރު ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އެންމެ ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގެންފައި ވަނީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް 1984 ގަ އެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ފަޟީލަތުއް ޝައިޚު މުހައަމަދު އައްސުބައްޔިލެވެ.
ޑރ. ސަލާހުލްބުދައިރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރަށް، އާއްމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ވެސް ޒިޔާރަތް ކުރައްވާނެ އެވެ.