ދިވެހި ޑޮކްޓަރުން ދެއްވާ އެއްބާރުލުމަށް ރައީސްގެ ޝުކުރު
ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން ކަމަށާއި ޞިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަށް މިކުރާ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝުކުރުއަދާކުރައްވައިފިއެވެ.
ދިވެހި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބާގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަންކަމުގައި ވެސް ވިދާޅުވެފައެވެ. އަދި ޑޮކްޓަރުންގެ ދުވަހުގެ ތަހުނިޔާ އާއި މުބާރަކްބާދީ އަރިސްކުރައްވާފައި ވެއެވެ.
ޑޮކްޓަރުންނަށް ދިމާވާ އެކި ދަތިތައް ހައްލުކޮށްދީ، އެ މީހުން ތަމްރީންކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މައުލޫމާތު ވަގުތުން ބެލޭނެގޮތަށް، ޑޮކްޓަރުންނަށް ހާއްސަކޮށްގެން އޮންލައިން ޕްލެޓްފޯމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރައްވަމުންނެވެ.
މީގެއިތުރުން ރާއްޖެއާއި ޗައިނާއާއެކު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ދިވެހި ޑޮކްޓަރުންނަށް ޗައިނާގެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރުމުގެ މަގުފަހިވާނެކަން ވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
މިއާއެކު ޗައިނާގައި ތަޖުރިބާ ހާސިލުކުރުމުގެ ފުރުސަތތު ފަހިވެ، އިތުރަށް ތަމްރީންވުމުގެ ދޮރުތައް ދިވެހި ޑޮކްޓަރުން ވަނީ ހުޅުވިފައެވެ.