ނޭޝަނަލް ސަރވިސްގައި ބައިވެރިވުމަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމު، މޯލްޑިވްސް ނޭޝަނަލް ސަރވިސްގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ދިފާޢީ ވުޒާރާއިން ހުޅުވާލައިފިއެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވީ މިޚިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މީގެތެރެއިން، އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކޮންމެ ޒުވާނަކު، ޤައުމީ ޚިދުމަތާއި ގުޅުމަށް ހުށަހަޅާއިރު، އެކަމަށް ބެލެނިވެރިޔާ އިޢުތިރާޒު ނުކުރާކަމުގެ އިޤްރާރެއް ހުށަހަޅަން ވާނެއެވެ.
މިޕުރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ޚިދުމަތްކުރެވޭނެ ފަދަ ޞިއްޙަތެއްގައި ހުރި ފަރާތެއް ކަމުގައިވާންވާނެ ކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ. މިޕުރޮގުރާމުގައި ބައިވެރިކުރެވޭ ފަރާތްތައް ހޮވާނީ، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ މެޑިކަލް އެސެސްމަންޓެއް ފުރިހަމަކުރުމަށްފަހުގައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭ ކޮންމެ ދިވެހި ރައްޔިތަކަށް، އެ ޚިދުމަތަށް ގުޅޭ ދުވަހުން ފެށިގެން، އެލަވަންސެއް ދޭގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. އަދި މިޕުރޮގުރާމުގެ ދަށުން ތަމްރީނު ފުރިހަމަ ކުރުމަށްފަހު ކަނޑައެޅޭ ދާއިރާތަކުން ވަޒީފާއަށް ގުޅުމުގެ ފުރުޞަތު ދެވޭނެ ކަމަށް ވެސް އެވުޒާރާއިން ވިދާޅުވިއެވެ.
މިޕުރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އީމޭލު މެދުވެރިކޮށް ނުވަތަ އެ ވުޒާރާގެ ރިސެޕްޝަނަށް ހުށަހެޅޭނެ ކަމަށާއި އީމޭލު މެދުވެރިކޮށް ހުށަހަޅާ ނަމަ ހުށަހަޅާނީ، [email protected] އަށް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މިޕުރޮގުރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޖޫން 1 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.