ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 4.02 ބިލިއަން ރުފިޔާ
މި އަހަރުގެ ފުރަތަމަ ތިން މަސްތެރޭގައި އާމްދަނީގެ ގޮތުގައި 4.02 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެ ކުންފުނިން އާންމުކުރި މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ބަޔާނުން ދައްކާ ގޮތުން ބއާމްދަނީގެ ގޮތުގައި 4.02 ބިލިއަން ރުފިޔާ ލިބުނުއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 4.6 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީ އަކީ 3.84 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 583 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 617 މިލިއަން ރުފިޔާއާ އަޅާބަލާ އިރު ދަށްވުމެކެވެ. ފުރަތަމަ ކުއާޓަރުގައި ލިބުނު ޖުމްލަ ފައިދާ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ތެޔޮ ވިއްކާ އަގު ދަށްކުރުން ކަމަށް އެސްޓީއޯ އޮން ބުންޏެވެ.
އެ ކުންފުނީގެ ހިންގުމުގެ ފައިދާގެ ގޮތުގައި 263 މިލިއަން ރުފިޔާ ލިބިފައިވާ އިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 308 މިލިއަން ރުފިޔާ އަދި ކުރީ ކުއާޓަރުގައި ލިބުނު 300 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
އެސްޓީއޯއިން ބުނީ، ހިންގުމުގެ ޚަރަދުތައް ރަނގަޅަށް ބެލެހެއްޓިފައި ވިޔަސް ޖުމްލަ ފައިދާ ދަށްވުމާއި އާމްދަނީ ލިބޭ ވަގުތުގެ ތަފާތުން ހިންގުމުގެ ނަތީޖާއަށް އަސަރުކޮށްފައިވެ އެވެ. އެގޮތުން ޓެކްހަށް ކެނޑުމަށްފަހު ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 169 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 195 މިލިއަން ރުފިޔާއާ އަޅާބަލާއިރު 13.5 ޕަސެންޓް ދަށް އަދަދެކެވެ.
އެސްޓީއޯ އިން ބުނީ އޭހގެ ސަބަބަކީ ޖުމްލަ ފައިދާ ދަށްވުމާއި ޕްރޮވިޝަންތައް އިތުރުވުން ކަމަށެވެ. އެކަމަކު ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް ފައިދާ ލިބި، ލަފާކުރެވުނު މިންވަރުގައި ހިފެހެއްޓިފައިވާ ކަމަށް ބުންޏެވެ
އެސްޓީއޯ އިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން ތެލުގެ އަގު ދަށްވުމުގެ ސަބަބުން ފުރަތަމަ ކުއާޓަރުގައި ކުންފުނީގެ އާމްދަނީއަށް އަސަރުކުރިޔަސް ންގުމުގެ ދާއިރާއާއި މާލީ ހާލަތު ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. އެގޮތުން ތެލުގެ ވޮލިއުމް އިތުރުވެ، އާންމު ބާވަތްތަކާއި، ކޮންސްޓްރަކްޝަން މެޓީރިއަލްސް އާއި ހެލްތުކެއަ ސޮލިއުޝަންސްގެ ވިޔަފާރީގެ ދާއިރާތަކުން ލިބޭ އާމްދަނީ ދެމެހެއްޓުމާއި، ކުންފުނީގެ އޮޕަރޭޝަނަލް އަދި އިންވެސްޓްމަންޓްތަކަށް ބޭނުންވާނޭ ފައިސާ ހަމަޖެއްސުމަށް އެކަށީގެންވާ ފަންޑު ބެހެއްޓުމާއިއެކު އެކަށީގެންވާ މާލީ ނަތީޖާއެއް ހާސިލު ކުރެވިފައިވާ ކަމަށެވެ.