ބާސެލޯނާ ބަލިކޮށް އިންޓަރ ފައިނަލަށް
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޭ ބާސެލޯނާ އާއި ދެކޮޅަށް އިންޓަރ މިލާން ކުޅުނު ތާރީޚީ މެޗަށްފަހު 7-6 ގެ އެގްރިގޭޓް ނަތީޖާއަކުން ބާސެލޯނާ ބަލިކޮށް އިންޓަރ މިލާނުން މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
ފުރަތަމަ ލެގުގައި މި ދެ ޓީމު ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު ރޭ މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ދެ ޓީމު ނިކުތްއިރުވެސް އޮތީ ދެ ޓީމަށް ހަމަހަމަ ފުރުސަތެކެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 21 ވަނަ މިނިޓުގައި އިންޓަރ މިލާނުގެ ލައުޓާރޯ މާޓިނޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އިންޓަރ މިލާނަށް ލިބުނު ޕެނަލްޓީ އަކުން ހަކާން ކަލަނޮގްލޫ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ އެގްރިގޭޓް ނަތީޖާ 5-3 އަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި ބާސެލޯނާގެ އެރިކް ގާސިއާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމުގެ އުންމީދުތައް އައުކޮށްދީފަ އެވެ.
އަދި އޭގެ ހަ މިނިޓު ފަހުން ޑެނީ އޮލްމޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ އެގްރިގޭޓް ނަތިޖާ 5-5 އަށް ބަދަލުކޮށްފަ އެވެ. ބާސެލޯނާގެ މި ދެ ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސްކޮށްދީފައިވަނީ ޖެރާޑް މާޓިން އެވެ.
މި މެޗުގައި ބާސެލޯނާއަށް ފުރަތަމަ ފަހަރަށް ކުރި ލިބިފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ރަފީނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ލަނޑާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލަށް 10 އަހަރަށްފަހު ދަތުރު ކުރެވޭނެކަމަށް ބާސެލޯނާއިން އުންމީދު ކުރި ނަމަވެސް އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓުގެ ތެރެއިން ތިންވަނަ މިނިޓުގައި އިންޓަރ މިލާނުގެ ޑިފެންޑަރ ފްރެންޗެސްކޯ އަޗާރބީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު ދެ ޓީމު އެއްވަރުވެފައިވާތީ އިތުރު ވަގުތުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި ޑޭވިޑް ފްރަޓޭސީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ތިން ފަހަރު މަތިން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އިންޓަރ މިލާނުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2010 ވަނަ އަހަރު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޖަރުމަނުގެ ބަޔާން މިއުނިކް 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ. އޭގެ ފަހުން އިޓަލީގެ ޓީމަކަށް މި މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މި މުބާރާތުގެ ފައިނަލުގައި އިންޓަރ މިލާނާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެނގިގެން ދާނީ މިރޭ އާސެނަލް އާއި ފްރާންސްގެ ޕީއެސްޖީ ބައްދަލުކުރާ މެޗަށްފަހުގަ އެވެ.