އިންފޮމޭޝަން ކޮމިޝަނުގެ މަސައްކަތްތައް ކުރަން މުވައްޒަފުން ގެއަށް!
އިންފޮމޭޝަން ކޮމިޝަން ހިންގަމުންދާ އިމާރާތުގެ ހާލަތު ގޯސްވުމުން، އެ އޮފީހުގެ މުވައްޒަފުން ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތްކުރަން އެ އޮފީހުން ނިންމައިފިއެވެ.
އިމްފޮމޭޝަން ކޮމިޝަން އޮފީހުން ނެރުނު ހާއްސަ ދަންނަވާލުމެއްގައި ބުނީ، އެ އޮފީސް ހިންގަމުންދާ އިމާރާތުގެ ހާލަތު ހުރި ގޮތުން އޮފީހުގެ މަސައްކަތް ކުރެވޭ ފަދަ މާހައުލެއް މިވަގުތު ނެތުމުގެ ސަބަބުން މާދަމައިން ފެށިގެން އެ އޮފީހުގެ މަސައްކަތްތައް ހިނގަމުންދާނީ އޮންލައިންކޮށް ކަމަށެވެ.
އަދި އޮފީހުގެ އެއްވެސް ކަމަކާއި ގުޅޭގޮތުން މައުލޫމާތެއް ސާފު ކުރަން ބޭނުންވާނަމަ، 3010990 އަށް ގުޅުމަށްވެސް އެދިފަައި ވެއެވެ.
އައިކޮމް ގެ އޮފީސް މިވަގުތު ހިންގަމުންދަނީ ގ. ބިއްލޫރިޖެހިގޭގެ ްިރުމަތީބައިގައެވެ. މާރިޗު 13 ވަނަ ދުވަހު އެއޮފީހުން ނެރުނު 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މައްސޫލިއްޔަތު އަދާކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަންކަމުގެ ތެރޭގައި އޮފީހުގެ އިމާރާތުގެ ހާލަތު ފާހަގަކޮށްލެވޭކަމަށެވެ.
އެގޮތުން އޮފީސް އިމާރާތުގެ އެކި ހިސާބުތަކަށް ފެން ފޭބުމާއި މޯލްޑް ޖެހުމުގެ ސަބަބުން އޮފީސް މާހައުލަކީ، މިހާރު ސިއްހީ ގޮތުން މުވައްޒަފުންނަށް އެކަށީގެންވާ މާހައުލަކަށް ނުވާކަމަށް އެރިޕޯޓުގައިވެއެވެ.
މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް އަހަރުން އަހަރަށް އިތުރުވަމުން ދާއިރު، މައްސަލަތައް ބެލުމާއި، މައްސަލަތައް ދިރާސާކުރުމަށް އެކަށީގެންވާ އަދަދަށް މުވައްޒަފުންނެތްކަންވެސް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އައިކޮމްގެ އަހަރީ ރިޕޯޓުގައި ވަނީ އެ އޮފީހުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ނެތުމުން، 2017 ވަނަ އަހަރުން ފެށިގެން ކަމާ ބެހޭ އިދާރާތަކުގައި އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ތަކުރާރުކޮށް އެދެމުން އަންނަ ކަމަށެވެ.
އަދި މިދިޔަ އަހަރު އޮކްޓޫބަރު މަހު އޮފީސް އިމާރާތެއް ކުއްޔަށް ހިފުމުގެ ހުއްދައެށް ފިނޭންސް މިނިސްޓްރީން އެ އޮފީހަށް ދިނުމާއި ގުޅިގެން ތަނެއް ހޯދަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި އިއުލާން ކޮށްގެން ތަނެއްގެ އަގު ބެލިކަމަށްވެސް އެއޮފީހުން ބުނެފައިވެއެވެ.
އެހެން ނަމަވެސް ބިޑުގެ އަގު 7.6 މިލިއަނަށް ވުރެ ބޮޑުވާތީ، ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައިވާ ގޮތުގެ މަތީން ބިޑާ މެދު ގޮތެއް ނިންނަން މިދިޔަ ނޮވެންބަރު މަހުގެ 19ގައި ފިނޭންސް މިނިސްޓްރީއަށް އައިކޮމްއިން ފޮނުވި ކަމަށް ވެސް އަހަރީ ރިޕޯޓުގައިވެއެވެ.