24 މޭ 2025

Advertisement

ހުއްދަ ނެތި ޑްރޯން އެރުވި މީހާއަށް އަނިޔާއެއް ނުކުރޭ: ފުލުހުން

ހުޅުމާލެ ފޭސް ދޭއްގެ ބީޗްގައި ހުއްދަ ނެތި ޑްރޯން އެރުވި މީހާއަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެފަދަކަމެއް ހިނގާފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރޭ 20:40 ހާއިރު ހުޅުމާލެ ފޭސް 2ގެ ނިކަގަސްމަގު ބީޗް ސަރަހައްދުގައި މީހަކު ޑްރޯން އަރުވާތީ ހުއްދަ އޮއްތޯ އެސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކު އެމީހާއާ ސުވާލުކުރި ކަމަށާއި ނަމަވެސް އެމައުލޫމާތު ދިނުމަށާއި އަދި ހުއްދަ ދެއްކުމަށް އެމީހާ އިންކާރުކޮށް ހުއްދަ ދައްކަން ނުޖެހޭނެ ކަމަށް ބުނެ ހަޑި ހުތުރުބަހުން މުޢާމަލާތުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައިގައި ތުހުމަތުގައި އޭނާ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ގެންގޮސް ސުވާލުކޮށްފައިވާ ކަމަށާއި އަދި ޑްރޯން އެރުވުމުގެ ހުއްދަނެތި ޑްރޯން އެރުވުމުން ނަސޭހަތްތެރިވެފައިވާ ކަމަށްވެސް ބުންޏެވެ.

Advertisement

ފުލުހުން ބުނީ މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާއަށް ފުލުހުން އަނިޔާކުރިކަމަށް ތުހުމަތު ކުރާތީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެފަދަކަމެއް ހިނގާފައިވާކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ.

Advertisement

ކޮމެންޓް