ރައީސްގެ ދެކަނބަލުން ހައްޖަށް ވަޑައިގަންނަވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަހަރު ހައްޖަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
"ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ދިވެހިންނަށް ސައުދީން ދީފައިވާ ކޯޓާގެ ތެރެއިން ނޫން ކަމަށާއި މިއީ ސަޢޫދީ ސަރުކާރުގެ ފަރާތުން ދެއްވާ ޚާއްޞަ ދަތުރެއް ކަމަށެވެ.
"ވަކިން ފްލައިޓެއް ވެސް އެރޭންޖްކޮށް ހަމަޖައްސައިދީފައި އިނގޭތޯ. ދެން އެއީވެސް ސަރުކާރުން އެއްވެސް ޚަރަދެއް ކުރަންޖެހޭ ކަމެއް ނޫން. ސަރުކާރުން ޗާޓަރއެއްވެސް ނުކުރަން. ހަމަ ހިލޭ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައި،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ، އަޅުގަނޑުގެ ޙައްޖުގެ މި އެއްވެސް ކަމަކީ ކޯޓާގެ ތެރެއިންވެސް ހިނގާ ކަމެއް ނޫން. ސަރުކާރުގެ ބަޖެޓުން ކަމެއްވެސް ހިނގާ ކަމެއް ނޫން،"
ރައީސް ވަނީ މިކަހަލަ ވާހަކަތައް މީހުން ދޮގުހަދައިގެން ދައްކައި އުޅުމަކީ ދެރަކަމެއް ކަމަށާއި މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ.
ހައްޖު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ.