ފްލެޓް ލިސްޓް މައްސަލައިގަ އަކްރަމާއި ހައުސިންގެ އޭރުގެ 4 ވެރިއަކަށް ދައުވާކޮށް ދޭން ފޮނުވައިފި
"ގެދޮރުވެރިޔާ" ސްކީމްގެ ތެރެއިން ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާތީ ފަސް މީހެއްގެ މައްޗަށް ދައުވާކޮށް ދޭން އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން އޭސީސީ) އިން މިއަދު ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީ އާއި ފުލުހުން ގުޅިގެން ތަޙުޤީޤު ކުރަމުން ގެންދާ މައްސަލައިގެ ތަޙުޤީޤުގައި ހޯދާފައިވާ ހެކި ޤަރީނާ އިން އެނގޭތީ، އެ މައްސަލައިގައި ދަޢުވާކޮށް ދޭން އެދިފައި ވަނީ ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީންއާއި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި މުޙައްމަދު ޢާރިފާއި އެ މިނިސްޓްރީގެ ސީނިއަާ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި ޟިރުޢާމް ވަޙީދުގެ އިތުރުން އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަޤާމުގައި ހުރި އަޙްމަދު ވިޝާން ނަސީމްގެ މައްޗަށެވެ.
މި މައްސަލައިގެ ތަޙުޤީޤުގައި ބަޔާންކުރާ، ފަރާތްތަކަކީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައި ދިނުމުގެ ކުށް ފިޔަވައި، އެހެން އިތުރު ކުށްތައް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އެކުށްތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ދެ މުއްއައްސަސާއިން ކުރަމުން އަަންނަ ކަމަށް ވެސް އޭސީސީން ބުންޏެވެ.