07 ޖޫން 2025

Advertisement

އީދުގައި އިސްކަން ދޭންވީ އިޖްތިމާޢީ ރޫޙާއި އެއްބައިވަންތަކަން އާލާކުރުމަށް

05 ޖޫން 2025

އީދުގައި އިސްކަންދޭންވީ އިޖްތިމާޢީ ރޫޙާއި އެއްބައިވަންތަކަން އާލާކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިޙްތިފާލަކަށް ހެދުމަކީ، އެމަނިކުފާނުގެ އެންމެ އިޚްލާޞްތެރި އިލްތިމާސް ކަމަށެވެ. އެގޮތުން ދޮށީ ޢުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާއި، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި، ގާތްތިމާގެކަމާއި ރަޙްމަތްތެރިކަން އިތުރަށް ބަދަހިކުރުމާއި، ދަރީންނަށް ރިވެތި ނަމޫނާއާއި ނަސޭހަތްތަކުން ތަސައްލީ ލިބިދިނުމަކީ، ޢީދުގެ ޙަޤީޤީ ޒީނަތްތެރިކަން ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިސްކަން ދޭންވާނީ، މިފަދަ ބަރަކާތްތެރި ކޮންމެ މޫސުމެއްގައިވެސް އިޖުތިމާޢީ ރޫޙާއި އެއްބައިވަންތަކަން އާލާ ކުރުމަށެވެ،" ރައީސް ވިދާޅުވި އެވެ.

Advertisement

ރައީސް ވިދާޅުވީ މިފަދަ ކޮންމެ ޢީދަކުމެ، ދުރާއި ގާތުގައި ތިބި މުސްލިމް އަޚުންނާއި އުޚުތުންގެ މަތީން ހަނދާން ކުރަންޖެހޭ ކަމަށާއި ވަކީން ޚާއްޞަކޮށް، ފަލަސްޠީނުގެ ލޮބުވެތި އުޚުއްވަތްތެރީންނަށް ހިތްތަކުގައި އޮތް ކުލުނު، ދިވެހި ރައްޔިތުން ބަންޑުންކޮށްލަނީ ކަރުނައާއެކު ދަންނަވާ ހެޔޮ ދުޢާތަކުން ކަމަށެވެ.

"މުސްލިމުންގެ މުޤައްދަސް މިސްކިތުގެ ޙިމާޔަތުގައި، އަދި ﷲ ބަރަކާތްލެއްވި އެ މާތް ބިމުގެ ޙައްޤުގައި، ފަލަސްޠީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލައްވާށިއެވެ. ﷲގެ ޙަޟްރަތުން މަދަދާއި، ރިޒްޤާއި، ހަމަޖެހުމާއި، އަމާންކަން އަޅުގަނޑުމެންގެ ލެޔާއި ވިންދާ ގުޅިފައިވާ އެ ލޮބުވެތި ޢާއިލާތަކަށް ދެއްވާށިއެވެ. އާމީން،" ރައީސްގެ ހިތާބުގައިވެ އެވެ.

މީގެއިތުރުން ޢީދުގެ އުފަލާއެކު، އިސްލާމީ މުޖުމަތަޢުތަކުން ފެންނަ އެންމެ ރިވެތި ސިފަތަކަކީ، ރީތި ފޭރާމާއި ހުވަނދު ލައިގެން އެންމެން އެއްވެ، ދެރައެއް މޮޅެއް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކުވެރިކަމާއެކު ނަމާދުކޮށް، ﷲގެ ނިޢުމަތްތަކަށް ޝުކުރުކޮށް، އެއް އަޑަކުން ތަކުބީރުގެ އަޑު ގުގުމައިލުމާއެކު އެކަކު އަނެކަކާ ހިނިތުންވުމާއެކު ސަލާންގަލާންކޮށް ހިތްހެޔޮ ކުރުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

Advertisement

ކޮމެންޓް