09 ޖޫން 2025

Advertisement

ދިވެހި ޙައްޖުވެރިންނަށް ސައުދީން އަދާކުރި ފުރިހަމަ މެހެމާންދާރިއަށް ރައީސްގެ ޝުކުރު

08 ޖޫން 2025

ދިވެހި ޙައްޖުވެރިންނަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުންދިން ފުރިހަމަ މެހެމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް މުއިއްޒު މިފަދައިން ޝުކުރު އަދާކުރައްވާފައިމިވަނީ އެ ގައުމުގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރަށް ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުއިއްޒު ސައުދީއަށް ވަޑައިގަތީ އެ ގައުމުގެ ސަރުކާރުގެ ހާއްސަ ދައުވަތަކަށް ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށެވެ.

Advertisement

ރައީސްއާ ބައްދަލުކުރެއްވުމަށް، އެ ގައުމުގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރު ޑރ. ތައުފީގް ބިން ފައުޒާން އަލް ރާބިޢާ މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި މިއަހަރުގެ ޙައްޖުގެ އިންތިޒާމުތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ދިވެހި ޙައްޖުވެރިންނާމެދު ސައޫދީ ސަރުކާރުން ގެންގުޅޭ ގާތްގުޅުމާއި ދެއްވާ ފުރިހަމަ ޚިދުމަތަށްޓަކައި، އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސައުދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސައުދަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި މިއަހަރު ސައޫދީގެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަކީ ރާއްޖެއިން ޙައްޖަށް ދިޔަ ފަރާތްތަކުގެ ދަތުރުފަތުރަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއްކަން ފާހަގަކުރައްވައި، ސައޫދީ ސަރުކާރުން އަދާކުރި ފުރިހަމަ މެހެމާންދާރީއަށް ރައީސް ވަނީ ޝުކުރުވެރިވެ ވަޑައިގެންފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ އިއްޔެ ސަޢޫދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާންއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ދެ ގައުމަށްވެސް ފައިދާކުރާނޭހެން އިތުރަށް ކުރިއެރުވިދާނެ ދާއިރާތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

Advertisement

ކޮމެންޓް