މެނިންގޮކޯކޮލްގެ އިތުރު ކޭހެއް ނުފެނޭ: އެޗްޕީއޭ
މެނިންގޮކޯކޮލްގެ އިތުރު ކޭހެއް ނުފެންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) އިން ބުނެފި އެވެ.
އެތަނުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރާއްޖެއިން މެނިންގޮކޯކޮލް ކޭހެއް ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ ކަމަށާއި އެ މަސައްކަތް އަދި އެެއްކޮށް ނުނިމޭ ކަމަށެވެ.
ކަމާބެހޭ މައުލޫމާތު އެއްކޮށް، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަ ށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މެނިންގޮކޯކޮލް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ގައިންގަޔަށް އަރާ އެ ބަލި ފެނުނު 24 އަހަރުގެ ދިވެހި ޒުވާނަކު މިދިޔަ ހުކުރު ދުވަހު ވަނީ މަރުވެފަ އެވެ. އެނގިފައިވާ ގޮތުގައި އެ ޒުވާނާ މަރުވީ މެލޭޝިއާ އިން މާލެ އައިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ރާއްޖެއިން މެނިންގޮކޯކޮލް ފެނި މީހަކު މަރުވެފައިވެ އެވެ.