އީރާނަށް ދިން ހަމަލާތައް ރައީސް ކުށްވެރިކުރައްވައިފި
ޔަހޫދީ ދައުލަތުން ރޭ އީރާނަށް ދިން ހަމަލާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.
މި ހަމަލާތައް ރައީސް ކުށްވެރިކުރެއްވި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، އީރާނަށް ޔަހޫދީ ދައުލަތުން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޔަހޫދީ ދައުލަތުގެ މި އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު އަމަލުތަކެއް ކަމަށާއި އޭގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުން އުފެދިގެންދާނެ ކަމަށެވެ. ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ވަގުތުން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށްވާ އިޒްރޭލުން އިރާނަށް ހަމަލާތަކެއް ދީފައި މި ވަނީ އެ ސަރަހައްދުގެ މަސްރަހު ހޫނުކޮށް، 2023 ގެ އޮކްޓޯބަރުން ފެށިގެން ފަލަސްތީނާ ދެކޮޅަށް ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ވެސް ހިންގަމުންދާ ދަނޑިވަޅެއްގަ އެވެ.
އިޒްރޭލުން އިރާނަށް ދިން ހަމަލާ ރައީސް ކުށްވެރި ކުރި އިރު، ފޮރިން މިނިސްޓްރީން ވެސް ނެރުނު ބަޔާނެއްގައި މިކަން ކުށްވެރިކޮށްފައިވެ އެވެ. އެ ބަޔާނުގައި ބުނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ގާޒާއަށް މެދުކެނޑުމެއް ނެތި ދެމުންގެންދާ ހަމަލާތަކާ ދިމާކޮށް އީރާނަށް ދިން ހަމަލާ އާ ގުޅިގެން މުޅި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މީގެ ސަބަބުން އަސަރުފޯރާނެ ކަމަށެވެ.
އެހެންވެ ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މުޖުތަމަޢުއަށް އިސްރާއީލުން ކުރަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ބާރުއެޅުމަށާއި، ސަރަހައްދުގެ މަޞްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައިވެ އެވެ.