"ސޮރީ" ގެ މޭކިން ބަލައިފިން؟
ޑައިރެކްޓަރު ފާތުމަތު ނަހުލާގެ އާ ފިލްމު "ސޮރީ" ގެ މޭކިން އާންމުކޮށްފި އެވެ.
މި ފިލްމަށް ކުރެވުނު މަސައްކަތާއި ކާސްޓާއި ކްރޫގައި ހިމެނޭ އެކި މީހުންގެ ވާހަކަތައް ވެސް ހިމަނައިގެން ގެނެސްދިން މި މޭކިން ވީޑިއޯ ވާނީ ޔަގީނުން ވެސް "ސޮރީ" ގެ އިންތިޒާރުގައި ތިބި މީހުންނަށް ވަރަށް ހާއްސަ ހަދިޔާއަކަށެވެ. އެހެންވެ ފިލްމު ބަލާލަން ދިއުމުގެ ކުރިން މޭކިން ބަލާލުމަކީ ވެސް ހަމަ ވަރަށް މުހިއްމު ކަމަކަށް ވާނެ އެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ އޮލިމްޕަހުގައި ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ "ސޮރީ" އަކީ ނަހުލާ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)، މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު) އަދި ވާޝިޔާ މުހައްމަދެވެ.
މި ތަރިންނާ އެކު "ސޮރީ" ގެ ވަރަށް މުހިއްމު ރޯލުތަކަކުން ކުދަ ދެ އަންހެން ކުދިން ވެސް ފެންނާނެ އެވެ. އެއީ ނަހުލާގެ ހަގު ދަރިފުޅު ލާލި އާއި އޭނަގެ މާމަދަރިއެއް ކަމަށްވާ އެވްލީ އެވެ.
އަދި "ސޮރީ" ގެ ކާސްޓުން ޝީލާ ނަޖީބާއި ހުސައިން ސޮބާހާއި އަލީ ޝަމީލް އަދި އައިމިނަތު ރަޝީދާ (އައިންތު) ވެސް ފެންނާނެ އެވެ.