ކައުންސިލަރުން މަދުކުރުމާއި ބަޖެޓު ކުޑަކުރުމަށް ގަރާރެއް ހުށަހަޅައިފި
ކައުންސިލަރުން މަދުކޮށް، ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރުމާ ގުޅޭ ގަރާރެއް ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހަޅައިފިއެވެ.
ގަރާރުގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ވެސް އޮތީ ކައުންސިލަރުންގެ އަދަދު ގިނަވުމުގެ އިތުރުން، ކައުންސިލަތަކަށް ކުރާ ބޮޑު ހޭދައިން ނަތީޖާއިން ނުނިކުންނަ ވާހަކަ އެވެ. އަދި ކޮންމެ ރަށަކަށް، މަދުވެގެން ފަސް ކައުންސިލަރުން އިންތިހާބުކޮށް މުސާރައަށް ބޮޑު ހޭދައެއް ކުރާއިރު މިއީ މިކަން ހަމަ އޮންނަންޖެހޭ ގޮތްތޯ ސުވާލު ވެސް އުދައްފައި ލާމަރުކަޒީ ނިޒާމުގައި ހުރި ދެކޮޅު ނުޖެހޭ އެތައް ކަމެއް ހިނގަމުންދާ ކަމަށް ބުނެފައިވެ އެވެ.
ގަރާރުގައި ބުނީ މިހާރު އޮތީ ގައުމުގެ ހާލަތާ ނުބައްދަލު އެތައް ބިލިއަން ރުފިޔާއެއް ހޭދަވާ ލާމަރުކަޒީ ނިޒާމެއް ކަމަށާއި މި ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް އަދި ރަށްތަކާއި އަތޮޅުތަކުގެ ތަރައްގީއަށް ގެނެވުނު، އިތުރު ބަދަލެއް ފެންނާކަށް ނެތް ކަމަށެވެ.
"އެންމެ ފަންސާސް މީހުންގެ އާބާދީއަށް ވެސް، މުނިސިޕަލް ހިދުމަތް ދިނުމަށް، އިންތިހާބުކޮށް ދައުލަތުން، މުސާރަ ދޭން ޖެހޭ." ގަރާރުގައިވެ އެވެ.
މިފަދަ ގަރާރެއް ޕީއެންސީން ހުށަހެޅި އިރު، ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ކައުންސިލްތަކުން ބޭކާރު ވަރަށް ގިނަ ހަރަދުތައް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވެ އެވެ.
މިކަމާ ގުޅިގެން ވަރަށް ގިނަ ކައުންސިލްތަކެއްގެ ފާޑުކިޔުންތައް މި ސަރުކާރަށް އަމާޒުވެފައިވެ އެވެ.