16 ޖޫން 2025

Advertisement

އިސްރާއީލާއި އީރާންގެ ހަނގުރާމައިގެ ތެރެއަށް ވަންނަން ޖެހިދާނެ: ޓްރަމްޕް

16 ޖޫން 2025

އިސްރާއީލާއި އީރާނާ ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަންނަން ޖެހިދާނެ ކަމަށް، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އީރާންގެ ނިއުކްލިއާ ފެސިލިޓީ އަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާއާ ގުޅިގެން، މިދިޔަ ހުކުރު ދުވަހުން ފެށިގެން އީރާން އިން އަންނަނީ ރައްދުގައި އިސްްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި ދެ ޤައުމުން ވެސް ވަނީ ގިނަ ހަމަލާތަކެއް ބަދަލު ކޮށްފަ އެވެ.

އިސްރާއީލަށް އަމާޒުކޮށް އީރާން އިން ދެމުން އަންނަ ވަރުގަދަ ހަމަލާތަކުގެ ސަބަބުން އިސްރާއީލަށް ގިނަ ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އެންމެ ފަހުން އީރާނުން ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ އިސްރާއީލްގެ ހައިފާ ބަނދަރަށް އަމާޒުކޮށެވެ.

Advertisement

ޓްރަމްޕް ވިދާޅުވެފައި ވަނީ އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ތެރެއަށް އެމެެރިކާ ވަންނަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެ ހަނގުރާމައިގައި މެދުވެރިއެއްގެ ދައުރު އަދާ ކުރުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ހުންނެވީ ތައްޔާރަށް ކަމަށާއި، އެކަމާ އެމެރިކާ އިން އިންކާރު ނުކުރާ ކަމަށެވެ.

އެމެރިކާގެ އޭބީސީ ނޫހާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، މިވަގުތު އެ ހަނގުރާމައިގައި އެމެރިކާގެ ސީދާ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. ނަމަވެސް، އެ ހަނގުރާމައިގައި އެމެރިކާ އިން ބައިވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

އިތުރަށް ޓްރަމްޕް ވިދާޅުވީ ރަޝިޔާގެ ރައީސް ޕުޓިންއާ ދެ ބޭފުޅުން ގިނަ ވާހަކަތަކެއް ދައްކަވައި މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ. ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އިސްރާއީލާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އާދެވޭނެ ކަަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

އެކަމާ ގުޅުން ހުރި މަޝްވަރާތަކެއް މިހާރު ވެސް ކުރެވެމުން އަންނަ ކަމަށާއި، އެ ޤައުމުގެ ދެ މެދުގައި ސުލްޙަަވެރިކަމެއް އަވަސް މުސްތަޤުބަލެއްގައި ޤާއިމު ވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.  

Advertisement

ކޮމެންޓް