17 ޖޫން 2025

Advertisement

ޔުމްނު މައްސަލައިގެ އިންކުއަރީ ރިޕޯޓް ނިންމައި ރައީސްއަށް ހުށައަޅައިފި

17 ޖޫން 2025

ހ. ފެންޓެނޯއީ ގެއިން, މިޓާޒްގޭ ފުރާޅު މައްޗަށް ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގެ މަސައްކަތް ނިންމައި, އިންކުއަރީ ރިޕޯޓް ރައީސްއަށް ހުށައަޅައިފިއެވެ. މި މައްސަލައިގެ ތަހުގީގަށް ހާއްސަ ކޮމިޝަނެއް އެކުލަވައިލީ ރައީސް ގަރާރަކުން އޭޕްރީލް މަހުގެ 27 ވަނަ ދުވަހުގައެވެ.

މި ކޮމިޝަން އުފެއްދުމުގެ މަގްސަދަކީ ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދުމާއި އެ މައްސަލައިގައި ފުލުހުން ތަހުގީގު ހިންގާފައިވާ ގޮތް ބެލުމެވެ.

ރިޔާސީ ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމިޝަނާ ހަވާލުކޮށްފައިވާ މަސައްކަތް ނިންމައި ފައިނަލް ރިޕޯޓް ރައީސްއަށް ހުށައަޅާފައިވާކަމަށެވެ. ނަމަވެސް ކޮމިޝަންގެ ހޯދުންތަކާއި ބެހޭ އެއްވެސް ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

Advertisement

މި މައްސަލާގެ ތަހުގީގުގައި އެކޮމިޝަނުން ވަނީ، މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރާތްކޮށް، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު ހޯދާފައެވެ. އަދި ޔުމްނު ވެއްޓުނު ރޭ އޭނައާއެކު އެންމެ ފަހުން ފެނުނު ރައުދު އަހުމަދު ޒިލާލްއާވެސް ސުވާލުކޮށްފައި ވެއެވެ.

ކޮމިޝަނާއި ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ކޮމިޝަނުގެ ރިޕޯޓުގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ވާހަކައެއް ނުވާނަމަ، އެ ރިޕޯޓު އެއްކޮށް ހާމަކުރައްވާނެ ކަމަށެވެ. ކޮމިޝަނުގެ މަސައްކަތަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އުފެއްދެވި ހާއްސަ ކޮމިޝަނުގައި ޖުމްލަ ފަސް މެމްބަރަކު ހިމެނިވަޑައިގަންނަވައެވެ. އެއީ، ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު އާއި ސިފައިންގެ ރިޓަޔާޑް ބްރިގޭޑިއަރ ޖެނެރަލެއް ކަމަށްވާ އަޙްމަދު މުޙައްމަދު އަދި ދަފްތަރު ނަންބަރު ރސ 641، ޑރ. މޫސާ މުރާދު އާއި ތ. ވޭމަންޑޫ، މޫނިމާގޭ، ޖަބީން މުހައްމަދުގެ އިތުރުން ހ. ހަބަރުގެ، އާމިނަތު އީނާސްއެވެ.އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން އެކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކުގެ ގޮތުގައި ރިޔާސީ ޤަރާރުގައި ވަނީ ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަޙުޤީޤުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން ހިމަނާފައެވެ.ހައްޔަރު އަމުރާއި، ޖިނާއީ ތަޙުޤީޤުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުމާއި ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުމުގެ ބާރު ވެސް މި ކޮމިޝަނަށް ވަނީ ދީފައެވެ.

މީގެއިތުރުން ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަޙުޤީޤެއް ކޮށްފައި ވާ ނަމަ، އެ ތަޙުޤީޤަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ޤަރީނާތަކާއި، އެނޫން ވެސް މަޢުލޫމާތު ހޯދުމުގެ ބާރު ވެސް ކޮމިޝަނަށް ދީފައި ވެއެވެ.

Advertisement

ކޮމެންޓް