މަރުވި ކުއްޖާގެ އާއިލާ އަށް ރައީސްގެ ތައުޒިޔާ
ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި މަރުވި ކުއްޖާގެ އާއިލާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އަޑު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށާއި މަރުވި ކުއްޖާ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރައްވާ ކަމަށެވެ.
"އެ މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން،" ރައީސް ވިދާޅުވި އެވެ. "އަދި، މި އެކްސިޑެންޓުގައި ހާނީއްކަވެ ފަރުވާ ހޯދަމުން ދާ ދެ ފަރާތަށްވެސް އަވަސް ޝިފާއަށް އެދި ދުޢާ ކުރަން."
ރޭގެ އެކްސިޑެންޓްގައި މަރުވީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދެވެ.
އޭނަގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި އޮތީ މިއަދު އަސުރު ނަމާދަށް ފަހު އެވެ.
އަލްސަން މަރުވީ އެކްސިޑެންޓަށް ފަހު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެނިކޮށެވެ. އެއީ އަޝްފާ އާއި ތޭރަވާގެ ހަމައެކަނި ދަރިފުޅެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުކުރި ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.
އެ ހާދިސާ ހިނގީ މިރޭ 8:30 ހާއިރެވެ.
މި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާ ދެމުން އަންނަނީ 16 އަހަރުގެ ކުއްޖަކަށާއި 40 އަހަރުގެ މީހެކެވެ.