ދޯންޏެއް ފަރަށްއަރައި ކަނޑުވި ތިން މީހަކު ސަލާމަތްކޮށްފި
ދޯންޏެއް ފަރަށްއަރައި ކަނޑުވި ތިން މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ، މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ ''އަލްމަޖްރާ'' ދޯނި ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ، އަޑިއަށްދާކަމުގެ މައުލޫމާތު ފަތިހު 5:34 އެހައިކަންހާއިރު ފުލުހުންނަށް ލިބުނުކަމަށެވެ.
މި ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި ތިން މީހުން ހާލުގައި ޖެހިފައި ފަރުމަތީގައި ތިއްބައި ފެނުނުކަމަށާއި، އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި މިހާރު ވަނީ ފެލިދޫއަށް ގެންގޮސްފައިކަމަށް ފުލުހުން ބުންޏެވެ. އެ ތިން މީހުންގެ ހާލު ވެސް ރަނގަޅުކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފަރަށް އެރި ބޯޓުން ދަތުރުކުރީ ދިވެއްސަކާއި ބަންގްލަދޭޝަށް ނިސްބަތްވާ ދެ މީހުންނެވެ.
ފުލުހުން ބުނީ، ދޯނި އަޑިއަށް ދިޔައިރު، އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުންނާނެ ކަމަށް އެ މީހުން މައުލޫމާތު ދީފައިވާކަމަށެވެ. އެހެންކަމުން ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.