ޖޭއެސްސީއަށް ހުސްނީ އައްޔަންކުރަން ފާސްކޮށްފި
ހުސްވެފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އައްޔަން ކުރާ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކުގެ ނަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޖޭއެސްސީގެ ރައީސްގެ މަގާމުންނާއި ކޮމިޝަންގެ މެންބަރުކަމުން މާފުށި ދާއިރާގެ މެމްބަރު ހުސެއިން ރިޒާ އާދަމް ވަނީ މިދިޔަ ހުކުރު ދުވަހުއިސްތިއުފާ ދެއްވާފައެވެ.
ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރުގެ މަގާމު ހުސްވުމުން، މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ އެކަން އިއުލާންކުރައްވައި، މަޖިލިސް ތަމްސީލު ކުރައްވާނޭ މެމްބަރަކަށް ނަން ހުށަހެޅުމަށް ފުރުސަތު އަރުވާފައެވެ. މިފުރުސަތުގައި ނަން ހުށަހެޅީ ސަރުކާރު ޕާޓީ ޕީއެންސީން އެކަންޏެވެ. އެޕާޓީގެ ޕީޖީ ލީޑަރ، އިބްރާހިމް ފަލާހް ވަނީ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކްގެ ނަން ހުށަހަޅާފައެވެ.
ހުސްނީ ޖޭއެސްސީއަށް އައްޔަންކުރަން ފެންނަކަމަށް 58 މެންބަރުން ވޯޓް ދެއްވިއެވެ. އެއްވެސް މެންބަރަކު ހުސްނީ ޖޭއެސްސީއަށް އައްޔަން ކުރުމާއި ދެކޮޅަށް ވޯޓެއް ނުދެއެވެ.
ޖޭއެސްސީ އެކުލެވިގެން ވަނީ ދިހަ މެންބަރުންގެ މައްޗަށެވެ. އޭގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރަކާއި އެޓާނީ ޖެނެރަލް ހިމެނެއެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލިސް ރައީސް އާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން ބޭފުޅަކާއި މަޖިލީހުން އައްޔަން ކުރައްވާ އާއްމުންގެ މެންބަރާއި އަދި މަޖިލީހުން ރުހުންދޭ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ހިމެނެއެވެ. އެހެންކަމުން ޖޭއެސްސީގައި ތިއްބަވާ ސިޔާސީ ބޭފުޅުންގެ އަދަދު ހަޔަކަށް އަރައެވެ. ދެން ޖޭއެސްސީގައި ތިއްބަވަނީ ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.