16 މާރިޗު 2026

Advertisement

ގޯއްޗާއި ފްލެޓަށް ކުރިމަތިލާން މާދަމާ ހުޅުވާލަނީ

14 ޖެނުއަރީ 2026

"ބޯހިޔާވަހިކަން އެންމެނަށް" މި ސްކީމަށް ކުރިމަތިލާން މާދަމާ ހުޅުވާލާނެއެވެ.

މި ސްކީމްގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15،000 ގޯތި ދޫކުރުމަށާއި މާލެ ސަރަޙައްދުން 7،900 ފްލެޓް ދޫކުރުމަށެވެ.

ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފުލެޓާއި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1،500 ފުލެޓު އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2،400 ފުލެޓެވެ.

Advertisement

ގޯތި ދޫކުރުމުގައި ހިމެނެނީ މާލޭގެ ރަށްވެހިންނަށް ޚާއްޞަކޮށްފައިވާ 10،000 ގޯތި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް ޚާއްޞަ 3،000 ގޯތި އަދި މައިމުޅަވެފައިވާ މީހުންގެ ކެޓަގަރީން 500 ގޯއްޗާއި، މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީ ކުރުމަށް ދަތިވާ ގޯތިތަކާއި، ލާޖައްސައިގެން ގޯތި ބަދަލު ކުރާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ 1،500 ގޯއްޗެވެ.

ކޮންމެ މީހަކަށްވެސް ފޯމު ހުށައެޅޭނީ ގޯތި ނުވަތަ ފްލެޓް، މިއިން ކޮންމެވެސް އެއް ސްކީމަކަށެވެ. އަދި އެ ސްކީމުގެވެސް އެއް ކެޓަގަރީއިންނެވެ. ފޯމު ހުށައެޅުމުގައި އެމީހަކަށް އެންމެ އެކަށީގެންވާ ކެޓަގަރީއަކުން ފޯމު ހުށައެޅުމަށް ސަމާލުކަން ދޭންވާނެއެވެ.

މިފަހަރު ފްލެޓަށް އެދި ހުޅުވާލުމުގައިވެސް މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީގެ އިތުރުން ޚާއްޞަ ކެޓަގަރީތައް ހިމެނެއެވެ. ޚާއްޞަ އިސްކަންދޭ ކެޓަގަރީގައި ހިމެނޭ 2،400 ފްލެޓް، އިތުރު 15 ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ.

ސަރުކާރުގެ ސްކީމެއްގައި މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނާއި، މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ މީހުންނަށް ޚާއްޞަ ކެޓަގަރީއެއް މިއަހަރު ވަނީ ހިމަނާފައެވެ. އަދި ކުރިން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީ، ފްލެޓް ނުލިބުނު މީހުންގެ ކެޓަގަރީތައްވެސް ހިމެނެއެވެ. އެހެންކަމުން ފޯމު ހުށައަޅާއިރު، އެމީހެއްގެ ޙާލަތާ އެންމެ އެކަށީގެންވާ ކެޓަގަރީއެއް ޚިޔާރުކޮށް، ފޯމު ހުށައެޅުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ޢިލްތިމާސްކުރެއެވެ.

ފޯމު ހުށައެޅުމުގެ އެންމެހާ ކަންކަން ކުރިއަށްދާނީ އޮންލައިންކޮށް، ވުޒާރާގެ ޕޯޓަލް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. އީފާސް ބޭނުން ކޮށްގެން ޕޯޓަލަށް ލޮގިން ވެވޭނެއެވެ.

ސަރުކާރުން ބޯހިޔާވަހިކަން ދިނުމުގައި މިފަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ، އެމީހެއްގެ އާމްދަނީއާއި ދިރިއުޅުމުގެ ޙާލަތަށެވެ. ފޯމުގައި ޢާއްމު މަޢުލޫމާތާއި، އާއިލާއާއި ދިރިއުޅުމުގެ ޙާލަތު އަދި ވަޒީފާއާއި އާމްދަނީގެ މަޢުލޫމާތުވެސް ހިމަނަން ޖެހޭނެއެވެ. އަދި މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތު ކުރުމަށް، އެކަމަށް ބޭނުންވާ ލިޔެކިޔުންތައްވެސް ހިމަނަންވާނެއެވެ.

ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ހުށައެޅުމުގެ އުސޫލާއި ޝަރުތުތައް އަދި މާކްސް ދޭނެ އުސޫލުވެސް ގެޒެޓުގައި ވަނީ ހިމަނާފައެވެ. ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ، މާދަމާއިން ފެށިގެން 14 އޭޕްރީލުގެ ނިޔަލަށެވެ.  

Advertisement

ކޮމެންޓް