މިއަދު ރ. މަޑުއްވަރީގައި ހިނގި ހާދިސާއެއްގައި އެ ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަސްލަމް ނިޔާވެއްޖެ އެވެ.
އަސްލަމް ނިޔާވީ ޕިކަޕެއް ފަހަތަށް ޖެއްސި ވަގުތު ޕިކަޕާއި ފާރެއްގެ ދެމެދު ތާށިވެ ލިބުނު އަނިޔާތަކާއި ގުޅިގެން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށެވެ.
ފުލުހުންވެސް ބުނީ މަޑުއްވަރީގައި އެފަދަ ހާދިސާއެއް ހިނގައިގެން ރިޕޯޓް ލިބިފައިވާ ކަމަށެވެ. ހާދިސާ ހިނގީ ޕިކަޕެއް ފަހަތަށް ޖައްސާލި ވަގުތު އެ ޕިކަޕު ފަހަތުގައި ހުރި މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެ ހާދިސާގައި އަސްލަމްގެ އެއް ފައި އޮތީ ފަލަމަސްގަނޑު ކައިރިން ބުރިވެފަ އެވެ. އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔައިރު އޮކްސިޖަން ލެވެލް ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ވެ އެވެ.
ހޯމް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރެއްވި އަސްލަމް މަޑުއްވަރީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަންކުރީ މީގެ ހައެއްކަ މަސް ކުރިންނެވެ.