ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން އަލިރަސްގެފާނު ޒިޔާރަތުގެ އާބާތުރަ ފިލުވާ ބެލެހެއްޓުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމް.ޑަބްލިއު.އެސް.ސީއާއި ޙަވާލުކޮށްފިއެވެ.
އަލިރަސްގެފާނުގެ ޒިޔާރަތުގެ، އާބާތުރަ ފިލުވާ ބެލެހެއްޓުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ މަރުކަޒުގެ އިސްވެރިޔާ، އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤްއެވެ. އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހެވެ.
އެއްއަހަރު ދުވަހުގެ މުއްދަތަކަށް ސޮއި ކުރެވުނު މިއެއްބަސްވުމުގެ ދަށުން، އަލިރަސްގެފާނު ޒިޔާރާތް އާބާތުރަ ފިލުވައި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ޒިޔާރަތުގެ ފާރުތަކާއި، ގޭޓުގައި ކުލަލުމާއި ދަވާދުލުމާއި، ދިދަ ގަނޑި މަރާމާތުކޮށް، ސަރވައިލެންސް ކެމެރާ ހަރުކޮށް އެތަން ޒީނަތްތެރިކުރުމަށް ހަމަޖެހިފައިވާކަމަށް އެމް.ޑަބްލިއު.އެސް.ސީއިން ވިދާޅުވެއެވެ.
އެމް.ޑަބްލިއު.އެސް.ސީގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި މިފަދަ ބިނާތައް ބެލެހެއްޓުމަކީ ވަކި އިދާރާއަކަށް އެކަނި ކުރެވޭނެކަމެއް ނޫންކަމަށެވެ. އެއީ ހުރިހާ ފަރާތެއްގެ ޒިންމާއެއްކަމުގައި ދެކިގެން މިތަންތަން ބެލެހެއްޓުމުގެ އާދަ އާލާކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ."މިއީ ރާއްޖޭގެ ތާރީޚާއި ގުޅުންހުރި މުހިއްމު ތަންތަން. މިފަދަ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަކީ ހުރިހާ އެންމެންގެވެސް ޒިންމާއެއް. މިތަންތަން ރައްކާތެރިކޮށް މިތަންތަނުގެ މަޢުލޫމާތު ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށްވެސް މުހިއްމުކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތާރީޚީ ގޮތުންނާއި ޘަޤާފީގޮތުން ހުރި މުހިއްމު ބިނާތައް ހުރިއިރު އެތަންތަން ރަނގަޅަށް ނުބެލެހެއްޓި ހަލާކުވެގެންދިޔުމަކީ ކަންބޮޑުވާކަމެކެވެ. އެހެންކަމުން ސަރުކާރުން ކުންފުނިތަކުގެ އެހީގައި މިފަދަ ތަންތަން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ޘަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ޚާއްސަ އިސްކަމެއް ދެއްވައެވެ.
މިވަގުތުވެސް މާލޭ ހުކުރު މިސްކިތާއި، މިސްކިތުގެ މުންނާރާއި ވަޅުގެ އާބާތުރަ ފިލުވުމާއި ބެލެހެއްޓުންވަނީ ސްޓެލްކޯއާއި ޙަވާލުކޮށްފައެވެ. އެކުންފުނީގެ ފަރާތުން މިތަންތަން ވަކި އިންތިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދާކަންވެސް ފާހަގަކުރެވެއެވެ.