މިއަހަރު ފިޠުރުޒަކާތުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީއަށް 9 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށާއި، އެ ފައިސާ އެ މިނިސްޓްރީގައި އޮންނަ ފަޤީރުންގެ ދަފްތަރުގައި ހިމެނިފައިވާ މީހުންނަށް މިހާރު ޖަމާކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވިގޮތުގައި 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި އެ މިނިސްޓްރީ އަށް ޖުމްލަ 9,003,324.05 (ނުވަ މިލިޔަން ތިންހާސް ތިންސަތޭކަ ސައުވީސް ރުފިޔާ ފަސްލާރި) ވަނީ ލިބިފައެވެ
މި ފައިސާ އެ މިނިސްޓްރީގައި އޮންނަ ފަގީރުންގެ ދަފްތަރުގައިވާ މީހުންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މި އަހަރު ފިތުރު ޒަކާތް ދެއްކުމަށް ލިބުނު މުއްދަތުގައި ޒަކާތް ދައްކާފައިވަނީ 175485 (އެއްލައްކަ ހަތްދިހަ ފަސްހާސް ހަތަރުސަތޭކަ އައްޑިހަ ފަހެއް) މީހުންނެވެ.
ފަގީރުންގެ ލިސްޓްގައި 8446 (އަށްހާސް ހަތަރުސަތޭކަ ސާޅީސް ހައެއް) މީހުން ހިމެނިފައި ވެއެވެ. މީގެ ތެރެއިން މާލެ ސިޓީގެ 1736 ( އެއްހާސް ހަތްސަތޭކަ ތިރީސް ހައެއް) މީހުންނަށް، ބޮލަކަށް 3450 ( ތިންހާސް ހަތަރުސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުން 20 އެޕްރިލް 2023 ގައި އެ މީހުންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މި ރަމަޟާންމަހު ވެސް ފިޠުރު ޒަކާތް ގޮވާމުން ވެސް ވަނީ ބަލައިގެންފައެވެ. މިގޮތުން 20 އެޕްރިލް 2023 (29 ރަމަޟާން 1444) ގެ ނިޔަލަށް ފިޠުރުޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ ޖުމްލަ 12989.3 ( ބާރަހާސް ނުވަސަތޭކަ އައްޑިހަ ނުވައެއް ޕޮއިންޓް ތިނެއް ) ކިލޯ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
ފިޠުރުޒަކާތުގެ ގޮތުގައި ލިބުނު ގޮވާން ވެސް 20 އެޕްރިލް 2023 ގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީން ވަނީ ބަހާ ނިންމާފައެވެ.