މޫސުން ތަންދޭނަމަ 45 ދުވަހުގެތެރޭ އަމީނީމަގުގެ މަސައްކަތް ނިންމާލެވޭނެ: އާރްޑީސީ
ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ އަމީނީ މަގުގެ ފަހު ދެ ސެގްމެންޓްގެ މަސައްކަތް، މޫސުން ތަންދޭނަމަ ކަނޑައަޅާފައިވާ މުއްދަތަށް ނިންމާލެވޭނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން ހާމަކޮށްފިއެވެ.
އާރްޑީސީން އަމާޒް ހިފާފައިވަނީ އަމީނީމަގުގެ ފަހު ދެ ސެގްމެންޓްގެ މަސައްކަތް 45 އާއި 50 ދުވަހާ ދޭތެރޭ ނިންމުމަށް ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން އާރްޑީސީން ބުނީ މަސައްކަތް ކުރެވޭވަރަށް މޫސުން ތަންދޭނަމަ 45 ދުވަހުގެ ތެރޭގައި އަމީނީމަގުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
އަމީނީމަގުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން ފަށާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. މިމަސައްކަތުގެ ތެރެއިން އަމީނީމަގާއި އިއްޒުއްދީންމަގު ގުޅޭ ކަންމަތީގައި ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި، އެމަގު މިހާރު އާންމުންނަށް ހުޅުވާލާފައިވާ ކަމަށް އާރްޑީސީން ހާމަކުރެއެވެ. އެސަރަހައްދު އާންމުންނަށް ހުޅުވާލި ނަމަވެސް އަމީނީމަގުގައި ސްޓޯރމް ވޯޓަރ މައި ހޮޅި އެޅުމާއި ސްޓޯރމް ވޯޓަރ އައުޓްފޯލް ހޮޅިއެޅުމުގެ އިތުރުން ނަރުދަމާގެ އޯވަރ ފްލޯގެ މަސައްކަތް އަދި ގޭބިސީތަކަށް ގުޅާލާ ފެންހޮޅިތަކުގެ ޕްރެޝަރ ޓެސްޓް ކުރުމާއި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.
އަމީނީ މަގުގެ ފަހު ދެ ސެގްމަންޓުގެ ސްކޯޕަށްވަނީ ބަދަލުގެނެސްފައެވެ. މި ދެ ސެގުމެންޓުގައި ހިމެނޭ ސަރަހައްދު ތަރައްޤީކުރަނީ ކުރިން ނިމިފައިވާ 11 ސެގްމަންޓަށްވުރެ ފުޅާކޮށް 4 ލޭން ހިމެނޭހެން ކަމަށް އާރްޑީސީންވަނީ ހާމަކޮށްފައެވެ.
އަމީނީ މަގުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހު މެދުކަނޑާލިއިރު މަސައްކަތް ނިމިފައި އޮތީ، އިއްޒުއްދީންމަގާއި ހަމައަށެވެ. އާރްޑީސީން އެ މަސައްކަތް ހުއްޓާލާފައި އޮތީ، ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި، ޕްލޭނިން މިނިސްޓްރީން އެގޮތަށް އެންގުމުންނެވެ. އޭރުވެސް މަގުގެ މަސައްކަތް ކުރިއަށްދިޔައީ ކަނޑައަޅާފައިވާ ތާރީޚަށްވުރެ ލަސްކޮށެވެ.
އަމީނީ މަގުގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ "ހަފްތާ 14"ގައިވެސް ހިމެނޭ މަސައްކަތެކެވެ.
ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެއެވެ.