ވ. އާރަށު މައްސަލައިގައި 11 އަހަރަށް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ބޮޑު އީދު ބަންދަށް ދިއުމުގެ ކުރިން ނިންމަވައި ދެއްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައިކޯޓުގައި އެދިވަޑައިގަތަސް ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އީދު ބަންދުގެ ފަހުން ކަމަށް ހައިކޯޓުން ބުނެފި އެވެ.
އިއްޔެ ޔާމީންގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވާފަ އެވެ. ދެން އޮންނާނީ ދައުލަތުން ރައްދު ދިނުމެވެ. އިއްޔެގެ އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ބޮޑު ބަންދަކަށްދާތީ މިއަދު އަޑުއެހުމެއް ބާއްވައިދީ އަޑުއެހުންތައް ނިންމާލަ ދެއްވުމަށް އެދިވަޑައިގެންފަ އެވެ.އެކަމަކު ހައިކޯޓުން މިއަދު ބުނީ އެ މައްސަލައިގެ އަޑުއެހުމެއް ދެން ތާވަލު ކޮށްފައި އޮތީ އީދު ބަންދަށް ފަހު އަންނަ ފުރަތަމަ ހަފްތާގައި ކަމަށެވެ. އަދި ބާއްވާ ތާރީހު ކަނޑައެއްނާޅަ އެވެ.އިއްޔެގެ އަޑުއެހުމުގައި ޔާމީންގެ ފަރާތްޕުޅުން ވަނީ 14 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފަ އެވެ. އަދި އެހުށަހެޅުންތަކަށް ފަހު ދަށު ކޯޓުން ކޮށްފައިވާ ހުކުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅައިދީ ހުކުމް ބާތިލްކޮށްދޭން އެދިވަޑައިގެންފައިވެ އެވެ.
އިސްތިއުނާފް މައްސަލަ ލަސްވާތީ ޔާމީންގެ ފަރާތްޕުޅުންނާއި ޕީޕީއެމް / ޕީއެންސީ ލީޑާޝިޕުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޔާމީންގެ އުންމީދަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވައިލުމުގެ ކުރިން ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމެވެ.
މިމަހުގެ ބާކީ ހުރިހާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެވެ. އަންނަ މަހު ދޭއްގައި އަލުން ސަރުކާރު ހުޅުވޭއިރު ދަށު ކޯޓުގައި ޔާމީންގެ މައްޗަށް ހިންގާ ރ. ފުއްގިރި މައްސަލައިގެ ޝަރީއަތްތައް ފަށާނެ އެވެ. އެގޮތުން ދެވަނަ ދުވަހާއި ހަތަރުވަނަ ދުވަހަށް އަޑުއެހުން ތާވަލުކޮށްފައިވެ އެވެ.