ދިގުރަށުން ފެނުނު ތުއްތުކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށްފަހު މާލެ ގެނެސްފި
އދ.ދިގުރަށުގައި ކޮތަޅަކަށް ލާފައި އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސްފިއެވެ.
އދ.ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށްލާފައި އެއްލާލާފައި ތުއްތުކުއްޖަކު އޮތްވާ ފެނުނީ މިމަހުގެ 3 ވަނަ ދުވަހުގައެވެ. އަދި މިކުއްޖާގެ މަރާއި ގުޅިގެން ތަހުގީގަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. ހަފްތާއަކަށްފަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ހުކުރު ދުވަހުއެވެ. މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
ކޮތަޅަކަށް ލާފައި އެއްލާލާފައި އޮތްވާ ފެނުނު ތުއްތުކުއްޖާ ފެނިފައިވަނީ އދ.ދިގުރަށު ކުނިގޮނޑުންނެވެ. ފުލުހުންވަނީ މިޙާދިސާއާއި ގުޅިގެން ހަމައެދުވަހު މީހަކު ހައްޔަރުކޮށްފައެވެ. މިގޮތުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ޢުމުރުން 30 އަހަރުގެ އަންހެނެކެވެ. އެނާ ހައްޔަރުކޮށްފައިވަނީ ދިގުރަށުން މާލެއައިސް ލަންކާއަށް ފުރަންގޮސް ވެލާނާއިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުއްޓާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މިއަންހެން މީހާއަކީ ދިގުރަށުގައި ހުންނަ ގެސްޓްހައުސްއެއްގައި މަސައްކަތްކުރާ އަންހެނެކެވެ. ކުއްޖާ ފެނިފައިވަނީ އެގެސްޓްހައުސިންއިން ނެގި ކުނީގެ ތެރެއިންކަމަށް މަޢުލޫމާތު ލިބެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވާ ތުއްތު ކުއްޖާގެ ހަށިގަނޑު އޮތީ ޑަސްބިން ކޮތަޅެއްގެ ތެރެއަށްލާ ކުނިތަކެއްގެ ތެރެއަށް އެއްލާލާފައެވެ. މިކުއްޖާ ފެނިފައިވަނީ ކުނިކޮށްޓަށް ގެންގޮސް ކުނިތައް ވަކިކުރަން އުޅުމުގެ ތެރޭގައި ކުނިކޮށީގައި މަސައްކަތްކުރާ މުވައްޒަފަކަށެވެ.