ފައިލޭރިއާއަށް ޓެސްޓްކުރުމުގެ ހަރަކާތެއް ފަށަނީ
ފައިލޭރިއާ ބައްޔަށް ޓެސްޓް ކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ނިންމަވައިފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ފައިލޭރިއާއަށް ސްކްރީން ކުރުމުގެ ހަރަކާތް އަންނަ ހަފްތާގައި މާލޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އެޗްޕީއޭއިން މިހަރަކާތް ކުރިއަށް ގެންދަނީ ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިއާގެ ކޭސްތަކެއް ފެނުމާ ގުޅިގެން އެ ބަލި އިތުރު ބަޔަކަށް ޖެހިފައިވޭތޯ ކަށަވަރުކުރުމުގެ ގޮތުންނެވެ.
މިހަރަކާތުގައި ފުރަތަމަ ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލެއިންނެވެ. އަދި އެއަށްފަހު ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށީގައިވެސް މިހަރަކާތް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އެޗްޕީއިން ވިދާޅުވީ މިހަރަކާތުގެ ތެރެއިން ކޮންމެ ދުވަހަކު މަދުވެގެން 70 ރެންޑަމް ސާމްޕަލް ޓެސްޓް ކުރުމަކީ އަމާޒެއްކަމަށެވެ. މިހަރަކާތް ކުރިއަށް ގެންދަނީ ދިވެހިންނާއި ބިދޭސީންނަށްވެސް ބައިވެރިވެވޭގޮތަށް ކަމަށާއި ބައްޔަށް ސްކްރީން ކުރުމަށް ވަކި އުމުރުފުރާއެއް ކަނޑައަޅާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތައް ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 14ގައި ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ މައިގްރެންޓް ހެލްތު ސްކްރީނިން ޕްރޮގްރާމެއްގެ ތެރެއިންނެވެ. އޭގެ ފަހުން މާލެ ސަރަހައްދުން ވެސް ބިދޭސީންތަކެއް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިވަގުތު ރާއްޖޭގައި ބަލި ޖެހިފައި ތިބި 32 މީހުންނަކީ ވެސް ބިދޭސީ މަސައްކަތްތެރިންނެވެ.