ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލައިގެ މިއަދުގެ ޝަރީއަތް ވެސް ކެންސަލްކޮށްފި އެވެ.
ވ. އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް، ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކުރީ، ޔާމީނާ އެކު ދައުވާލިބޭ އަހުމަދު ކްރިކް ރިޒާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ސެޓްފިކެޓްތަކެއް ހުށަހަޅާފައިވާތީ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
ކްރިކްގެ ސިއްހީ ހާލަތު ހުރިގޮތުން ކުރީގެ އަޑުއެހުމެއް ވެސް ކެންސަލްކުރި އެވެ.
ޔާމީނާއި ކްރިކް ރިޒާގެ އިތުރުން ސަން އިންވެސްޓްމަންޓާއި ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ.
އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އެ މައްސަލާގެ އަޑުއެހުންތަކެއް އަންނަ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހުގެ އިތުރުން އަންނަ ހަފުތާގައި ވެސް ބާއްވަން އޮތީ ހަމަޖައްސައިފަ އެވެ.
ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. ކްރިމިނަލް ކޯޓުން އަވަސް އަވަހަށް ޝަރީއަތް ބާއްވާތީ އިސްތިއުނާފް ޝަރީއަތް ލަސްވާ ކަމުގެ ޝަކުވާ، މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނުކުރައްވާފައިވާ ޔާމީންގެ ފަރާތްޕުޅުން އޮތީ ކޮށްފަ އެވެ.