ޖޫން 27 ވަނަ ދުވަހުގެ ރޭ ފަތިހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އަލީ ހަފީޒް ބޭރަށް ގެންދެވޭނެ އިންތިޒާމް ހަމަޖެެހިއްޖެ އެވެ.
އުމުރުން 50 އަހަރުގެ ހަފީޒް ގައިގައި ޖެހުނީ ވަރަށް ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެކެވެ. ސައިކަލުން ޖެހި ވިއްސައިގެން ދިއުމުގެ ސަބަބުން ހަފީޒަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފަ އެވެ.
އެ ވަގުތުވެސް ހަށިގަނޑުން ވަރަށް ގިނަ އަދަދަކަށް ލޭ މަގުމައްޗަށް ފޭބި އެވެ. އަދި ވަގުތުން ހަފީޒުގެ ހޭ ނެތުނެވެ. ހޮސްޕިޓަލަށް ގެންދިޔަައީ އެވަގުުތު މަސްޖިދު އާދިލުން ނުކުތް ބައެެކެވެ.
ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ފުރަތަމަ ދުވަސްތައް ހޭދަވީ އެއްވެސް ފަރުވާއަށް ނުދެވި އެވެ. އެއީ ލޭ މަނާ ނުވުމުގެ ސަބަބުންނެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ހަފީޒުގެ ފައިގެ ބޮޑު އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.
އަދިވެސް ހާފިޒުގެ ހާލު ވަރަށް ދެރަ އެވެ. އައިސީޔޫގައި ފަރުވާ ދެމުންދާއިރު އާއިލާ އިން މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދެވޭތޯ އެވެ. އާއިލާއިން ބުނި ގޮތުގައި ހާލު ދެރަ ކަމުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކޮމާޝަލް ފްލައިޓެއްގައި ނުގެންދެވޭތީ އެއާ އެމްބިއުލާންސެއްގައި ގެންދަން އާއިލާ އިން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެކަމަަށް އާންމުންގެ އެހީތެރި ކަމަށް ވެސް އެދުނެވެ.
އާއިލާ އިން ބުނި ގޮތުގައި އާއިލާއާ އެކުވެރީންނާއި އެމްއެންޔޫގެ މުވައްޒިފުންނާއި ދަރިވަރުން އާންމު ރައްޔިތުން އަދި ސަރުކާރުގެ އެހީތެރިކަމުގައި އެއާ އެމްބިއުލާންސް އެއްގައި ރާއްޖެއިން ބޭރަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
ހަފީޒްގެ ގައިގައި ސައިކަލުން ޖެހުނީ ފަތިސް ނަމާދު ކޮށްގެން މިސްކިތުން ފައިބައިގެން ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށެވެ. އުމުރުން 22 އަހަރުގެ ދިވެހި ޒުވާނަކު ޖީއެން ސައިކަލެއްގައި އެވަގުތު ބާރު ސްޕީޑްގައި ދުއްވާފަ އައެވެ. ސައިކަލް ކޮންޓްރޯލް ނުވެ ހަފީޒްގެ ގައިގައި ޖެހި ވިއްސައިގެން ދިޔައީ އެވެ. ސައިކަލް ދުއްވަން އިން މީހާގެ އަތުގައި ލައިސަންސްް އެއްވެސް ނެތެވެ.
އެކްސިޑެންޓްގައި އޭނާއަށް ވެސް އަނިޔާވި އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އެހެން ސައިކަލެއްގައި އައި ދެ މީހެކެވެ.